ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކޮށްދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫނު އަބްދުލްގައްޔޫމު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

މިރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ގާނޫނުއަސާސީގެ 100 ވަނަ މާއްދާއާ ހަވާލާދެއްވައި އާޒިމާ ވިދާޅުވީ ރައީސް މަގާމުން ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެ މާއްދައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތިން ބައިކޮށްފައި ދެބައިގެ ވޯޓު ލިބިގެންނެވެ.

" ދުސްތޫރުގައި ވަކި ކަމަކަށް ހާއްސަ އުސޫލެއް އޮވެއްޖެއްޔާ އޭގެ މާނައަކީ އެހެން އެއްވެސް އުސޫލަކުން އެކަމެއް ނުކުރެވޭނެ އޭ. އެހެންވީމަ އޭގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރާނެ ގޮތެއް ކަމަށް ގާނޫނުއަސާސީ އެކުލަވާލި މުއައްސަސާއިން ނިންމާފަ އޮތީ މިގޮތޭ (މަޖިލީހުންނޭ)،" އާޒިމާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި އެހެން ލިޔެފައި އޮއްވައި އެނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް އާޒިމާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެނޫން އެއްޗެއް "ކަޅާ ހުދުން ލިޔެފައި އޮންނަ ރިޓަން ކޮންސްޓިޓުއުޝަނެއްގެ ތެރެއަށް ނުފެއްތޭނެ" ކަމަށް އާޒިމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން ލިޔެފައި އޮތީ ގާނޫނުއަސާސީ އެކުލަވާލި މީހުންނަށް ވަގުތުނުވެގެން ނޫން ކަމަށެވެ.

"ވަރަށް ސާފު. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންނޭ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ މަގާމުން ވަކިކުރެވޭނީ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ އިހުތިސާސެއް ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކަށް ނުލިބޭ،" އާޒިމާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ކުރިން ވަކިކުރަންޖެހޭ ހާލަތެއް މެދުވެރިވިތޯ ކަނޑައެޅޭނީވެސް މަޖިލީހަށް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އަދި ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއްގައި ސުޕްރީމް ކޯޓަށް ގޮތް ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ނިންމުމުން ކަމަށް އާޒިމާ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގައުމުގައި ނުތަނަވަސް ކަމެއް އުފެއްދުމަށް ކަމަށް އާޒިމާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މިއީ ހަމަ ކަނޑައެޅިގެން ނުތަނަވަސްކަމެއް އުފައްދަން ދެން އަނެއްކާ މިކަމުގެ ވާހަކަ އެންމެން ދައްކަން. ވަކިކުރެވޭނޭ ނުކުރެވޭނޭ. މި ބަހުސްގެ ތެރެއަށް އަނެއްކާވެސް މުޅި ގައުމު ވައްޓާލަން،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އިދިކޮޅު ލީޑަރުން ހުށަހެޅުއްވި މައްސަލާގައި ކޮރަޕްޝަނާ ވައްކަމުގެ ވާހަކަ ފާހަގަކުރައްވާފައި ވާއިރު އެއީ ޖިނާއީ ދެ މައްސަލަ ކަމަށެވެ. އަދި ޖިނާއީ މައްސަލަ ހުށަހެޅޭނީ ޕީޖީ އޮފީހަށް ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތު ކުރެއްވުނަސް ގާނޫނުއަސާސީގެ 127 ވަނަ މާއްދާއިން ބައެއް ހިމާޔަތްތަކާއި ރައްކާތެރިކަން ލިބޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެގޮތުން ޖިނާއީ ދައުވާއެއް ރައީސްގެ މައްޗަށް ކުރަން ޖެހިއްޖެ ހާލަތެއްގައި ހިނގަމުންދާ ދައުރު ހަމަވަންދެން އެ ދައުވާއެއް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިދެއްގައި ފަސްކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރުން ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އިސްލާހުކުރުމަށް މައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.