މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މާލީ ގޮތުން އެލައިޑް އިންޝުއަރަންސް ކުންފުންޏަށް 112 ޕަސަންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އަމީލް ވިދާޅުވެއްޖެއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް"ގައި ވާހަކަ ދައްކަވަމުން، އެލައިޑްގެ އެމްޑީ އަމީލް ވިދާޅުވީ މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށެވެ.

އެގޮތުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވާ ރިސްކް މެނޭޖްމެންޓް ސިޔާސަތުގެ ދަށުން އެލައިޑަށް ވަރަށް ބޮޑަށް ފައިދާ ކޮށްފައިވާ ކަމަށް އަމީލް ވިދާޅުވިއެވެ.

އަމީލް ވިދާޅުވީ، އެލައިޑަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލީ ގޮތުން 112 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މިއީ މި ސަރަހައްދުގެ ކުންފުނިތަކަށް ވެސް ބަލާއިރު ވަރަށް ފާހަގަކޮށްލެވޭ ރިޒަލްޓެއް،" އަމީލް ވިދާޅުވިއެވެ.

އަމީލް ވިދާޅުވީ އިންޝުއަރަންސް ކުންފުންޏަކަށް އެންމެ މުހިންމީ އެކުންފުނިން ދޭ ކްލައިމްތައް ކަމަށެވެ. އިންޝުއަރަންސް ކްލެއިމްސްގެ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 779 މިލިޔަން ރުފިޔާ ކަސްޓަމަރުންނަށް ދީފައިވާ ކަމަށާއި، ހަމައެކަނި 2017 ގައި ވެސް 120 މިލިޔަން ރުފިޔާ ކްލެއިމްސްގެ ގޮތުގައި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމު ބޭނުންވަނީ ކްލަޔަންޓުންނަށް ކަމެއް ވިއްޔާ، އެންމެ ފުރަތަމަ ގުޅައިގެން ހާލު ބަލާ ބަޔަކަށް އެލައިޑު ވުން،" އަމީލް ވިދާޅުވިއެވެ.

އަމީލް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އެލަިއޑުން މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އާ ޕޮލިސީތަކާއި ޚިދުމަތްތައް ތައާރަފު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެލައިޑްގެ މޯބައިލް އެޕާއި، ހޮޓްލައިން ނަމްބަރު ތައާރަފުކުރުން އޭނާ ފާހަގަކުރެއްވިއެވެ.

އެލައިޑް ސްޕެޝަލް އިވެންޓުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރަންސްގެ ތަފާތު ޚިދުމަތްތަކެއް ތައާރަފު ކުރިއެވެ. އޭގެ ތެރޭގައި ދެ އިންޝުއަރަންސް ޕްލޭނަކާއި، މޯބައިލް އެޕް މެދުވެރިކޮށް ހެލްތު އިންޝުއަރަންސް ސްކީމުގެ ޚިދުމަތްތައް ހޯދޭ ޚިދުމަތެއްގެ އިތުރުން އެލައިޑުގެ ސީއެސްއާރު ބްރޭންޑިންގް އަދި އެލައިޑުގެ އާޓިފިޝަލް އިންޓެލިޖެންސް އިންޝުއަރަންސް އޭޖެންޓް ތައާރަފުކުރުން ހިމެނެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އެލައިޑުގެ އެންމެ ރަނގަޅު ބްރޯކަރުންނާއި އޭޖެންޓުން ފާހަގަކޮށް، އެފަރާތްތަކަށް ހަނދާނީ ފިލައެއް ވަނީ ދީފައެވެ.