ޓޫރިޒަމް އިޝްތިހާރު ކުރުމަށް ދައުލަތުގެ ބަޖެޓްގައި އަހަރަކު ހަތް މިލިއަން ޑޮލަރު ހިމަނައި ކުރިން އިޝްތިހާރު ބަޖެޓް އޮތް ވަރަށް އެ އަދަދު އިއާދަކުރުމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ސަރުކާރުން އެކަމަށް އެއްބަސްވެފައި ވަނީ މާލީ އަދި އިގްތިސޯދީ ސިޔާސަތަށް ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކާ މެދު މަޝްވަރާ ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާއޮޕަރޭޓާސް (މަޓާޓޯ) އާ އެކު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިދިޔަ ހަފްތާގައި ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު މަލީހު މިއަދު ވިދާޅުވީ ޓްރެވަލް އެޖެންޓުންނަށް ދިމާވާ ތަފާތު ދަތިތަކުގެ މައްޗަށް ރައީސް އާ އެކު ކުރި މަޝްވަރާތަކުގެ ތެރެއިން ޓޫރިޒަމް ބޭރުގައި އިޝްތިހާރު ކުރުމަށް ޖުމްލަ ހަތް މިލިއަން ޑޮލަރު ހަރަދުކުރަން ބަޖެޓުގައި ހިމެނުމަށް ރައީސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"ޓްރެވަލް އެޖެންޓުންނަށް ދިމާވާ ދަތިތަކާ މެދު އަޅުގަނޑުމެން ހުށަހެޅި ކަންކަމަށް މަޝްވަރާ ކުރިން. ވަރަށް ގިނަ ކަންކަމަށް މަޝްވަރާކޮށް އެއްބަސްވެވުނު. އޭގެން އެންމެ މުހިންމު އެއް ކަންތައް މިއީ. އަޅުގަނޑުމެންނަށް މި ހާސިލްވީ މީގެ ކުރިން އަޅުގަނޑުމެން ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ކަމެއް. އަބަދުވެސް އަޅުގަނޑުމެން ސަރުކާރަށް ދަންނަވަމުން އައީ އިޝްތިހާރުކުރުމުގެ ބަޖެޓްބޮޑުކޮށް ދިނުމަށް. އޭގެ ސަބަބުން އަންނަ އަހަރު އެކަމުން މި އިންޑަސްޓްރީއަށް ބޮޑަތި ފައިދާތަކެއް ކުރާނެ،" މަލީހު ވިދާޅުވި އެވެ.

އިގްތިސޯދީ ހާއްސަ ހާލަތުގެ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުން ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން 2009 ވަނަ އަހަރުންފެށިގެން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހޭދަކުރުމަށް ކަނޑައެޅި ބަޖެޓު ވަނީހަތް މިލިއަން ޑޮލަރުން 1.5 މިލިއަން ޑޮލަރަށް ދަށްކޮށްފަ އެވެ.

ދެ ހާސް ނުވަ ވަނަ އަހަރުގެ ކުރިން ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ސަރުކާރުގެ ބަޖެޓަކީ ހަތް މިލިއަން ޑޮލަރެވެ.

މަލީހު ވިދާޅުވީ ސަރުކާރުން އެ ފައިސާ އަލުން އިއާދަކުރުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އޭގެ ފައިދާ ޓުއާ އަޕަރޭޓަރުންގެ އިތުރުން މުޅި އިންޑަސްޓްރީއަށް ވެސް ކުރާނެ ކަމަށާއި އެކަމަށް އެ ޖަމްއިއްޔާ އިން ފުރިހަމައަށް މަރުހަބާ ކިޔާކަމަށެވެ.

"އިޝްތިހާރު ކުރުމަށް ކުރާ ހޭދަ ބޮޑުކޮށްގެން ފަތުރުވެރިން ރާއްޖެ ގެނެވޭނީ. އޭރުން އަޅުގަނޑުމެންނަށް ފައިދާ ވުމުގެ އިތުރުން މުޅި އިންޑަސްޓްރީއަށް ވެސް ފައިދާ ކުރާނެ. އެކަމުން މުޅި އިގްތިސޯދަށް ފައިދާ ކުރާނެ. އެއީ ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް،" މަލީހު ވިދާޅުވި އެވެ.

އެންމެ ފަހުން ސަރުކާރުން ގެންނަން މަސައްކަތްކުރާ ޓެކްސް ރިފޯމް އެޖެންޑާއަށް ތާއީދު ކުރާ ޖަމިއްޔާއަކަށް ވެފައި ވަނީ މަޓާޓޯ އެވެ. އެކަމަށް ތާއިދުކޮށް އެ ޖަމްއިއްޔާ އިން މިއަދު ވަނީ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ.