30 Jan 2018, 20:02
ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއަށް ތިންވަނަ ފަހަރަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.
މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފައި މިވަނީ މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މުސްތަފާގެ މައްޗަށް ތުހުމަތުކުރަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތެވެ.
މުސްތަފާ އަށް ފުލުސް އޮފީހުން ފޮނުވި ޗިޓްގައިވާގޮތުން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ މާދަމާ ރޭ 8:00 އަށެވެ. ހަމަ އެ މައްސަލާގައި މުސްތަފާއަށް ވަނީ މީގެ ކުރިން ދެ ފަހަރަކު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައި ފަހުން ކެންސަލް ކޮށްފައެވެ.
އެކަމާ ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ދެ ފަހަރު ޗިޓް ފޮނުވައި ކެންސަލް ކޮށް އަދި އަނެއްކާވެސް ޗިޓް ފޮނުވާފައިވަނީ ވަކި މީހެއްގެ އެންގުމަށް ކަމަށެވެ.