30 Jan 2018, 20:12
އެންމެފަހުން އިއުލާންކުރި ގައުމީ ސްކޮޑުގައިވެސް ހިމެނުނު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއިކޮށްފިއެވެ.
ޗެކް ޔޫވީއަށް ސޮއިކުރިކަން ކްލަބުން އިއުލާންކޮށްފައިވާއިރު، އުމުރުން 40 އަހަރުގެ އަލީ ޝަރީފު (އައްޔަ) ވަނީ މި ސީޒަންގައިވެސް ޔޫވީއަށް ކުޅުމަށް ކޮންޓްރެކްޓް އައުކޮށްފައެވެ.
ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ޗެކަކީ ރާއްޖޭގެ ދެވަނަ ޑިވިޝަން ޓީމުތަކުންވެސް ފެނިފައިވާ ކީޕަރެކެވެ. އަދި އެންމެފަހުން ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އޭޝިއަން ކަޕު ކޮލިފައިން ދެ މެޗުގެ ސްކޮޑުގައިވެސް އޭނާވަނީ ހިމެނިފައެވެ. ޗެކް އެންމެފަހުން ކުޅެފައިވަނީ ކްލަބު އީގަލްސްއަށެވެ. އެ ކްލަބާއެކު އޭނާވަނީ ޕްރެސިޑެންޓްސް ކަޕުވެސް އުފުލައިލާފައެވެ.
އައްޔަ ކުޅުން ހުއްޓާލައި ވެލެންސިއާގެ ކޯޗުން ޓީމުން ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް ޔޫވީއިންވަނީ އޭނާ މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް އައުކުރިކަން ހާމަކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޝަނަށް ކުޅުނު އައްޔަ އެންމެ ފާހަގަކޮށްލެވުނީ ވިކްޓްރީންނެވެ. އޭނާވަނީ ވިކްޓްރީގެ ކެޕްޓަން ބޭންޑުވެސް ގިނަ ދުވަސްތަކެއް ވަންދެން އަޅާފައެވެ.
އުމުރުން 40 އަހަރުގެ އައްޔަ ވެގެންދަނީ މިހާރު ރާއްޖޭގެ ފަސްޓް ޑިވިޝަންގައި ކުޅޭ އެންމެ ދުވަސްވީ އެއް ކުޅުންތެރިޔާއަށެވެ.
އަންނަ ސީޒަނަށް ތައްޔާރުވަމުންދާ ޔޫވީން ދަނީ ޓީމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. ޔޫވީއަށް މިހާތަނަށް ގެނައި އެންމެ މުހިންމު އެއް ލޯކަލް ކުޅުންތެރިޔަކީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ އަހްމަދު ސުހައިލް (ބަންބުޗް) އެވެ. އޭގެ އިތުރުން މާލޭ ލީގުގައި ޔޫވީއަށް ކުޅުނު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ޓީމާ އަލުން ގުޅިފައިވާ އިރު، ތިންވަނަ ޑިވިޝަންގައި ސީލައިފް ސްޕޯޓްސް ކުލަބާއެކު މޮޅު ކުޅުމެއް ދެއްކި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވެސް ވަނީ ޔޫވީއާ ގުޅިފައެވެ. އަދި މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ވެސް ވަނީ އަލުން އެނބުރި ޔޫވީއާ ގުޅިފައެވެ.
މީގެ އިތުރުންވެސް ނޭމާއާއެކު ބްރެޒިލްގެ މަޝްހޫރު ކްލަބު ސަންތޯސްގެ ޔޫތު ޓީމަށް ކުޅުނު މިޑްފީލްޑަރެއް ކަމަށްވާ ޕައުލޯ ހެލްބާވެސް ވަނީ ޔޫވީއަށް ގެނެސްފައެވެ.
އަންނަ ސީޒަންގައި ވެސް ޔޫވީއަށް އިރުޝާދު ދޭނީ، މިދިޔަ އަހަރު މާލޭ ލީގުގެ ފަހުކޮޅުގައި އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނަޒީހެވެ.