30 Jan 2018, 18:39
ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް 15 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގޮސްފައިވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑު އެހުމެވެ. އެ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގަ އެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އަދީބަށް އެ ހުކުމް އިއްވީ ގާޒީގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓު ރޫމްތެރޭގައި އަޑުގަދަކުރެއްވުމުންނެވެ.
އެ މައްސަލާގައި 15 ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވިފަހުން އަދީބު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ އަލީ އާދަމް އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވެއެވެ.
މިހާރުވެސް އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ގާނޫނާ ހިލާފަށް ޝަރީއަތް ކުރާނަމަ ޝަރީއަތް ކުރަން ފުރުސަތު ދޭނެ ކަމެއް ނެތް ކަމަށެވެ.
ކޯޓުތަލުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގެ ނިޒާމަކާ ހިލާފުވެއްޖެ ނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
އެގޮތަށް ދެވޭ އަދަބު ތަކުގެ ތެރޭގައި 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމާއި 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި މަސްދުވަހަކަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ހިމެނެ އެވެ.