17 Aug 2011, 16:37
ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުން މަދަނައިގައި ބައިވެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އެންސްޕާ އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗެއާމަން އިބްރާހިމް ވަހީދެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ރަޝީދެވެ.
އެންސްޕާގެ ޗެއާމަން ވިދާޅުވީ މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ވެސް އެ ޚިދުމަތް ޓީޗަރުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެކަން ފެށީ މިއަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ސަރުކާރުން ބިދޭސީ ޓީޗަރުންނަށް މެޑިކަލް އެލަވަންސްގެ ގޮތުގައި ދެމުން އައީ އަހަރަކު 750ރ. އެވެ. އަދި މިއަދުން ފެށިގެން އެ ފައިސާ އުވާލުމުން، ބިދޭސީ ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާ 2،300 ޓީޗަރުންގެ ތެރެއިން ޓީޗަރަކަށް އަހަރަކު 50،000ރ.ގެ ބޭސްފަރުވާ ކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.