30 Jan 2018, 14:17
މާލޭގައި އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވަނީ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން، ފުޅާ ދާއިރާއެއްގައި ކުރެހުމުގެ މަސައްކަތްކުރާހަސަން ފާއިޒް (ޖޭސަން)ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީއަށް މައްސަލަ ހުށަހެޅީ އިއްޔެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ފާއިޒުގެ ބަންދުގެ މުއްދަތު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. ޖެނުއަރީ 22 ވަނަ ދުވަހު އޭނާގެ ބަންދަށް ވަނީ 10 ދުވަސް އިތުރަށް ޖަހާފައެވެ.
ހަސަން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އޭނާގެ އުފަން ރަށް ގދ. ތިނަދޫގައި ހުއްޓައެވެ. ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ބައެއް މީޑިއާތަކަށް ބުނީ އޭނާ ރޭޕްކޮށްފައިވަނީ ސްޓޫޑީއަކަށް ޕްރޮޖެކްޓަކާ ގުޅޭ މަޝްވަރާތަކެއް ކުރުމަށް ގެންގޮސްފައި ކަމަށެވެ.