30 Jan 2018, 13:20
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން ދުރުކޮށްދިނުމަށް އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ، ދައުވާ ފޯމްގެ ބައެއް ކަންކަން ފުރިހަމަނުކޮށް ހުރުމުން ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށެހެޅުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލަކު މިއަދު 'ސަން' އަށް ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލި ކަމަށް ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށާއި އެ މައްސަލަ ބޭރުކޮށްފައި ނުވާ ކަމަށެވެ.
"އިދާރީ ގޮތުން ފުރިހަމަ ކުރަން ހުރި ބައެއް ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ހުށެހެޅުމަށް ސުޕްރީމް ކޯޓުން މިއަދު ހެނދުނު ވަނީ އަންގާފައި،" ވަކީލު ވިދާޅުވި އެވެ.
Alhugadumen SC ah hushahelhi RY ge vakkamuge massala ah bayeh idhaaree islaahu gennan SC in angaafa vaathee, mihaaru alhugadumen midhanee e masaiykaiy kuramun
— Mohamed Nasheed (@MohamedNasheed)January 30, 2018
ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީޑިއާ އަށް ވަކި އެއްޗެއް ނުބުނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ދައުވާ ފޯމް އިސްލާހު ކުރުމަށް ފަހު، މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރެވެ.
އެ މައްސަލައިގެ ތަފްސީލް ދެއްވަމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅީ، ރައީސް ޔާމީންގެ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުވާ މައްސަލައެއް ކަމަށާއި އަދި އެ މައްސަލާގައި އެދިފައި ވަނީ ރައީސް ޔާމީންގެ ރައީސް ކަމުގެ ޝަރުތުތައް ގެއްލިފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.
މިދިޔަ އަހަރުގެ މޭ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އެގޮތުން ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަތަކާއި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވެސް ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.