30 Jan 2018, 12:47
ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ އިސްތިއުފާ ދެއްވައިފި އެވެ.
ސްރީލަންކާގެ ގައުމީ އެއާލައިނުގެ ސީއީއޯ ކެޕްޓަން ރަތުވައްތަ އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، އެ އެއާލައިނު ރީސްޓްރަކްޗާ ކުރުމަށް ޓަކައި އެގައުމުގެ ސަރުކާރުން ރާވަމުން ގެންދަނިކޮށެވެ.
އަޑުތައް ފެތުރިފައި އޮތް ގޮތުން، ކުންފުނީގެ ރިފޯމް އެޖެންޑާ ސަރުކާރުން އެކުލަވާލުމުން، އެކުންފުނީގެ ބޯޑުގެ ޗެއާމަނާއި ޑިރެކްޓަރުން އިސްތިއުފާ ދިނުމަށް އޮތީ ނިންމައިފަ އެވެ.
އޭނާއަކީ މީގެ ކުރިން އެމިރޭޓްސް އެއާލައިނުގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރި ބޭފުޅެކެވެ.
ސްރީލަންކަންގެ ސީއީއޯ ކެޕްޓަން ރަތުވައްތަ މަގާމުން ވަކިވެވަޑައިގެންފައިވާ އިރު، ބެލެވޭ ގޮތުގައި އެ މަގާމަށް ދެން އިސްވާނީ ސްރީލަންކަންގެ ސީއީއޯކަން މީގެ ކުރިން ވެސް ކުރައްވާފައިވާ މަނޯޖު ގުނަވަރުދަނަ އެވެ.
ސްރީލަންކަން އެއާލައިންސް އިން މިކަމާ ގުޅޭ ގޮތުން މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.
ސްރީލަންކަން އެއާލައިންސްއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ދަތުރުތައް ބާއްވާ ބައިނަލްއަގުވާމީ އެއާލައިނެވެ. މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންއިން ޝެޑިއުލް ދަތުުރުތައް ބާއްވަ އެވެ.