30 Jan 2018, 13:37
ކޯޓް އަމުރުގެ ދަށުން ތަންތަން ބަލައި ފާސްކުރަނީ ގާނޫނުގައި އޮންނަ ގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކަމަށާއި އެކަމަށް ހުރަސް އަޅާ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރުމަށް މިއަދު ފެށި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ތަފާތު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި ޔުނީފޯމް އެޅި މުވައްސަސާތަކުން އަމަލު ކުރަމުން ދަނީ ގާނޫނުގައި އޮތް ގޮތަށް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"ބަލައި ފާސް ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ގާނޫނުގައި ބުނެފައި އޮންނަ ހުރިހާ ކަމެއް ފުރިހަމަ ކޮށްގެން. އެފަދަ ކަންކަމަށް ހުރަސް އަޅާ ނަމަ ފިޔަވަޅު އަޅާނަން." އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މުވައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތުދީ އެ ފަދަ މުވައްސަސާތަކުގެ އިތުބާރު ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އަނިލް ވިދާޅުވީ ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް އަދަބުލިބޭނެ ކަމަށެވެ. އަދި އަދަބު ދޭން ޖެހޭ މީހުންނަށް އަދަބު ދެމުން ގެންދަނީ ހުރިހާ އިޖުރައަތްތަކެއް ފުރިހަމަކޮށްގެން ކަމަށާއި އެކަމާ މެދު ހިތްހަމަ ނުޖެހޭ މީހުންނަށް ކަމާބެހޭ އިދާރާތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
"އެއްވެސް މީހަކު ގާނޫނާ ހިލާފުކަމެއް ނުކުރާހާ ހިނދަކު ގާނޫނީ ހިމާޔަތް ލިބޭނެ. ޖިނާއީ އިޖުރައަތުގެ ގާނޫނު ފަދަ ގާނޫނުތައް ހަދަނީ އެންމެންގެ ލާބަޔާއި މަންފާއަކަށް،" އަނިލް ވިދާޅުވި އެވެ.
ސިޔާސީ ބައެއް ސަބަބުތަކަށް ޓަކައި ގާނޫނުތަކުގެ އަސްލު އޮޅުވާލަމުންދާ ކަން ފާހަގަ ކުރައްވަމުން އަނިލް ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ދިފާއީ ވަކީލުން ވިޔަސް އަދި އެހެން ބައެއް ވިޔަސް ގާނޫނުތަކުގެ މަހުފޫމް އޮޅުވާނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަނިލް ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނު ވިޔަސް އަދި އެހެން ގަނޫނެއް ކަމުގައި ވިޔަސް ވުޖޫދަށް ގެންނަނީ އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އަދި ގާނޫނުތައް ތަންފީޒު ކުރަން ތިބި މުއައްސަސާތަކުގެ ހައްގުތައް ވެސް ރައްކާތެރިކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެ ގާނޫނުތަކުގެ ތެރެއިން އެ މުވައްސަސާތައް ޖަވާ ބުދާރީ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަނިލް މިހެން ވިދާޅުވި އިރު ދާދި ފަހުން ވިލާގެ ރިސޯޓްތަކަށް އަރާ ކަސްޓަމްސް އިން ކުރިއަށް ގެންދިޔަ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނަށް ބައެއް މީހުންގެ ފަރާތުން ދަތިތައް ކުރިމަތިވި ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.