މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބޮންޑެޑް ވެއާ ހައުސްގައި ހުރި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުނީގެ ވެހިކަލްތަކެއް ފަހުން ޑިއުޓީ ދައްކާ ގޮތަށް ކަސްޓަމްސް އިން ދޫކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ބުނެފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ފަހުން ޑިއުޓީ ދައްކަ ވެހިކަލްރައް ދޫކުރި މައްސަލަ މީޑިއާ ރިޕޯޓު ކުރުމާ ގުޅިގެން އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިންގާފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޒެޑް ފެކްޝަނުގެ ފިލްޑް އޮޕަރޭޝަންސް ޑިރެކްޓަރު މާޒް އަހްމަދު ސަލީމް ވެސް ވަނީ އޭސީސީ އަށް މިއަދު ސިޓީއެއް ފޮނުއްވައިފަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް މިއަދު ފޮނުއްވި ސިޓީގައި މާޒް ސަލީމް ވިދާޅުވެފައިވަނީ، ރީކޯ މޫސަގެ ހެވީ ލޯޑް ކުންފުންޏަށް މުދާ ދޫކޮށްފައި ވަނީ ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ކަމަށެވެ.

އެގޮތުން ކަސްޓަމްސް ގާނޫނުގެ 67 ވަނަ މާއްދާގެ )ށ( ގައި، ރާއްޖެއަށް އެތެރެކުރާ މުދަލެއްގެ ޑިއުޓީއަށްވާ ފައިސާ ދައްކާ ނިމެންދެން ނުވަތަ އެއެއްޗަކީ ޑިއުޓީގެ އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއް ނަމަ އެކަން ކަނޑައަޅައި ނިމެންދެން ކަސްޓަމަށް އެމުދަލެއް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާކަން މާޒްގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އަދި ހަމަ އެމާއްދާގައިވާ ގޮތުގައި، އިމްޕޯޓް ޑިއުޓީ ދެއްކުން ފަސް ކުރެވޭނީ ކަސްޓަމްސް ގާނޫނުގެ ދަށުން ހެދޭ ގަވައިދެއްގެ ދަށުން ކަސްޓަމްސް އިން ކަނޑައަޅައި ހާލަތްތަކެއްގައި ނުވަތަ ވަކި ބާވަތެއްގެ މުދަލަކަށް ކަމުގައި ވެސް މާޒް ވިދާޅުވެފައިވެ އެވެ.

"މިހާތަނަށް ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެބަޔާންކޮށްފައިވާ ގަވައިދެއް އެކުލަވާލައި އެގަވައިދަށް އަމަލުކުރަން ފަށާފައެއް ވެސް ނެތެވެ. މިހެންވެ، މިކަމުގައި ނާޖާއިޒު ފައިދާއެއް އެއްވެސް ފަރާތަކުން ނަގާ އަދި މިއީ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމެއްތޯ ތިޔަކޮމިޝަނުން ބައްލަވާ ދެއްވުން އެދެމެވެ." މާޒް ސަލީމް ވިދާޅުވެފައިވެ އެވެ.

ކަސްޓަމުން ބުނި ގޮތުގައި، ހެވީލޯޑުގެ ހަތަރު އެކްސްކަވޭޓަރު ދޫކުރީ 48 ގަޑިއިރުތެރޭ ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ވެހިކަލްތައް ދޫކުރަން ޖެހުނީ އެ ވެހިކަލްތަކަކީ ސާކު ސަމިޓުގެ މަސައްކަތްތަކެއް ކުރުމަށް އިމަޖެންސީގައި އައްޑޫއަށް ގެންދަން ޖެހޭ ވެހިކަލްތަކަކަށްވާތީ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

ހެވީ ލޯޑުން ވަނީ އެ ވެހިކަލްތަކުގެ ޑިއުޓީގެ ގޮތުގައި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ މުއްދަތު ހަމަވުމުގެ ކުރިން ދައްކާފައި އެވެ.