30 Jan 2018, 13:06
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރައިޓްސް އިޝޫގެ ގޮތުގައި ހިއްސާ ވިއްކައިގެން 188 މިލިއަން ރުފިޔާ ހޯދައިފިއެވެ.
އެމްޓީސީސީއިން ރައިޓްސް އިޝޫގެ ދަށުން ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
ރައިޓްސް އިޝޫގެ ދަށުން ހިއްސާވިއްކަން އެކުންފުނިން ނިންމީ، މަހާ ޖައްރާފު ގެނައުމަށް ސަރުކާރުން ލޯނު ފައިސާގެ ގޮތުގައި ދީފައިވާ 11 މިލިއަން ޑޮލަރުގެ އަގަށް އެ ކުންފުނީގެ ހިއްސާ ދިނުމަށް ނިންމުމުން އެހެން ހިއްސާދާރުންނަށްވެސް ހަމަ އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމްޓީސީސީން ބުންޏެވެ.

އެއާޕޯޓް އަޅާ ބިން ހިއްކުމަށް އެމްޓީސީސީން ރާއްޖެ ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު" ފުނަދޫގައި --- ފޮޓޯ/ ފުނަދޫ ކައުންސިލް
އެމްޓީސީސީން އެ ކުންފުނީގެ ވެބްސައިޓްގައި އިއްޔަ ޝާއިއު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައިޓްސް އިޝޫގެ ދަށުން 4،334 ހިއްސާދާރުންނަށް 3،038،097 ހިއްސާ ވިއްކާގެން 188،263،014 ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
އެ ކުންފުނިން އެންމެ ފަހުން ބޭއްވި އާންމު ޖަލްސާގައި ހިއްސާ މޫނުމަތީ އަގު 50 ރުފިޔާއިން އިން ފަސް ރުފިޔާއަށް ދަށްކޮށް ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް ނިންމާފައި ވެއެވެ.
އެމްޓީސީސީން ރައިޓްސް އިޝޫގެ ގޮތުގައި ހިއްސާ ވިއްކަން ފެށީ 305 މިލިއަން ރުފިޔާ ހޯދުމުގެ މަގުސަދުގައެވެ. އަދި އެ ކުންފުނިން ވަނީ ހިއްސާ ވިއްކުމަށްޓަަކައި އަތޮޅުތެރޭގެ ގިނަ ރަށްތަކަކަށް ގޮސް ހިއްސާދާރުންނާއި ބައްދަލުކޮށް ހިއްސާ ވިއްކުމުގެ މަސައްކަތް ކޮށްފައެވެ.