ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރުމަށް ފެށުމާ ގުޅިގެން އެ ގާނޫނަށް އެކިއެކި މުވައްސަސާތައް ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ޖިނާއީ އިޖުރާތުގެ ގާނޫނު ދެނަގަތުން" ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ބަންޑާރަ ނައިބް މުހައްމަދު އަނިލް އެވެ.

އދ.ގެ ތަރައްގީގެ ޕްރޮގްރާމް( ޔޫއެންޑީޕީ)ގެ އެހީތެރިކަމާ އެކު ކުރިއަށްދާ އެ ޕްރޮގްރާމްގެ ދަށުން އާންމުންނަށް ފޯރުކޮށްދެން ޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހާއްސަ މައުލޫމާތު "ޕެކް"އެއް ވަނީ ތައާރަފްކޮށްފަ އެވެ. އެ "ޕެކް"ގެ ތެރޭގައި ޖިނާއި އިޖުރާތުގެ ގާނޫނާ ބެހޭ ޕޯސްޓަރާއި އެ ގާނޫނާ ބެހޭ އަތްމަތީ ފޮތްތަކާއި ގާނޫނާ ބެހޭ މައުލޫމާތު ދައްކުވައިދޭ ވީޑީއޯ ސްޕޮޓްތަކާއި ޓިއުޓޯރިއަލްތައް ހިމެނޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެ އޮފީހުން ބުނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާ މަގްސަދަކީ އާންމުންގެ ތެރެއިން ވީހާ ވެސް ގިނަ ބަޔަކު ޖިނާއީ އިޖުރާތުގެ ގާނޫނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އެ މަގްސަދު ހާސިލް ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ މުވައްސަސާއަކުން ވެސް މި ޕްރޮގްރާމްގެ ތެރޭގައި ހުރި މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދޭނެ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ 2018 ވަނަ އަހަރުގެ ނިޔަލަށެވެ.