ދިއްލީ(ޖެނުއަރީ 30): އިންޑިއާގެ ވެރިރަށް ދިއްލީގައި އަށް މަހުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

ދިއްލީގެ ފުލުހުން ވަނީ އާދިއްތަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ އެކުއްޖާގެ އާއިލާގެ މެމްބަރެއް ކަމަށް ބުނެފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެ ހާދިސާ ހިނގީ ކުއްޖާގެ މަންމައާއި ބައްޕަ ވަޒީފާއަށް ދިޔަ އިރު، ކުއްޖާގެ ބައްޕަގެ ދައްތައަކާ ދަރިފުޅު ހަވާލުކޮށްފައި ދިޔަ ފަހުންނެވެ.

ފުލުހުން ބުނި ގޮތުގައި އެކުއްޖާ ރޭޕް ކުރީ އެއަންހެން މީހާގެ ދަރިފުޅެވެ. އޭނާ ވަނީ އެކުއްޖާއާ އެކު ކުޅެލަން ކަމަށް ބުނެ އެގޭގެ މަތީ ބަޔަށް ގޮސް، ކުއްޖާގެ އަނގަ މަތީ އެއްޗެއް އެޅުމަށް ފަހު ރޭޕްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން ކުއްޖާގެ މަންމަ ގެޔަށް ދިޔަ އިރު ކުއްޖާ އޮތީ ލެއިން ފޯވެފައި ކަމަށާއި އެހެންކަމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަން ޔަގީންވުމާ އެކު ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

ދިއްލީގެ ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ޝައްކު ކުރެވޭ މީހާއާ ފުރަތަމަ ސުވާލު ކުރުމުން އޭނާ ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް އެ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ފިލާފައިވާ ކަމަށާއި އޭގެ ސަބަބުން އިތުރަށް ޝައްކު އުފެދި، އޭނާ ހޯދައި ހައްޔަރު ކުރުމުން ކުށަށް އިއުތިރާފުވި ކަމަށް ފުލުހުން ބުންޏެވެ.

ދިއްލީގެ ހޮސްޕިޓަލެއްގައި ތިން ގަޑި އިރުގެ ސާޖަރީއެއް ކުރުމަށް ފަހު ފަރުވާ ދެމުން އަންނަ އެކުއްޖާ އޮތީ ވެންޓިލޭޓަރަކާ ގުޅާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކުއްޖާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އިންޑިއާގެ ދިއްލީގައި 2012 ވަނަ އަހަރު 23 އަހަރުގެ ދަރިވަރަކު ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލި ފަހުން އެގައުމުން ވަނީ ޖިންސީ އަނިޔާ ކުރުމާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށްފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އިންޑިއާގެ ގައުމީ ކުށުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި އެގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އަދި ވެސް ދަނީ އިތުރުވަމުންނެވެ. (ޓައިމްސްއޮފްއިންޑިއާ)