17 Aug 2011, 16:18
ގެސްޓުން ގޮވައިގެން ދަތުރު ކުރި ސަފާރީއެއް، މޫސުން ގޯސްވެގެން ބ. އަތޮޅު މެދުފުށީ ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ލެފްޓިނެންޓް އަބުދުﷲ އަލީ ވިދާޅުވީ ރޭ 11:00 ޖަހަން އުޅެނިކޮށް ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ 28 މީހުންނާ އެކު ދަތުރު ކުރި ސަފާރީ ފަރަށް އެރީ ރޭ އައި ގަދަ ކޮޅިގަނޑެއްގައި ނަގިލިތައް ކަހާލައިގެން ކަމަށެވެ. އަދި އެވަގުތު ސަފާރީގައި 10 ފަޅުވެރިންގެ އިތުރުން 18 ޓޫރިސްޓުން ތިބި ކަމަށް އަބުދުﷲ ވިދާޅުވި އެވެ.
"އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އެވަގުތު އެމީހުން ތިބީ ކައިރީ އޮތް ފިނޮޅެއް ކައިރީ މަސްބާނައިގެން މަޑުކޮށްގެން. ފަޅުވެރިންގެ އިތުރުން ހިމެނޭ 18 ޓޫރިސްޓުންގެ ތެރޭ ފަސް ޓޫރިސްޓް އަންހެނަކު ވެސް ތިބި،" އަބުދުﷲ އަލީ ވިދާޅުވި އެވެ.
އެ ޓޫރިސްޓުން މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު ބ. އަތޮޅު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގަ އެވެ.
އަބުދުﷲ ވިދާޅުވީ ސަފާރީ ކޮންމެ ވެސް ވަރަކަށް ދިޔަވަމުންދާތީ އަދިވެސް އޮތީ ކޯސްޓުގާޑުގެ ބެލުމުގެ ދަށުގައި ކަމަށާއި އެކަން ރަނގަޅުކޮށްފައި ވެރިފަރާތާ ހަވާލު ކުރާނެ ކަމަށެވެ.
މި ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ ވިއްސާރަވާނެތީ މީޓިއޮރޮލަޖީން ވަނީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.