ރާއްޖޭގެ އެންމެ ފުރަތަމަ އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސަށް މިއަދު 33 އަހަރު ފުރިއްޖެއެވެ. މިވީ އަހަރުތަކުގެ ތެރޭގައި އިންޝުއަރަންސް ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އައިސް، އެލައިޑުން ވަނީ ޒަމާނާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ވެސް ކުރިއަރައި ގޮސްފައެވެ.

އެލައިޑް އިންޝުއަރަންސުން ބުނާ ގޮތުގައި، މިދިޔަ އަހަރު އެކުންފުނިން ކުރި އެންމެ ކާމިޔާބު އެއް މަސައްކަތަކީ އެކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމެވެ.

"މިދިޔަ އަހަރު ޚިދުމަތްތައް ޑިޖިޓަލައިޒް ކުރިން. ގިނަ ޚިދުމަތްތައް އޮންލައިންކޮށް، ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ. އެއީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް،" އެލައިޑުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރަންސްގެ އިތުރުން، އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެއެވެ.

ދުވަހުގެ މުނާސަބަތާ ގުޅިގެން އެލައިޑް އިންޝުއަރަންސްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އަމީލް ވިދާޅުވީ އެލައިޑުން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމަކީ، އެލައިޑުގެ މުވައްޒަފުންގެ ޚިޔާލުތައް އަޑު އަހައި، ބަލައިގަތުން ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ މުވައްޒަފުންގެ އީޖާދީ ޚިޔާލުތަކާއި ވިސްނުންތަކުގެ އަޑު އިއްވައިދެވޭނެ ޕްލެޓްފޯމެއް ލިބޭނެ ފަދަ ޕްލޭނެއް ޑިވެލޮޕް ކުރަމުން. އަޅުގަނޑަށް ކަށަވަރުކުރެވޭ މިކަމުން އަޅުގަނޑުމެންގެ ކުންފުނި އިތުރަށް ވަރުގަދަވެ، ކުރިއަރައި ދާނެކަން،" އަމީލް ވިދާޅުވިއެވެ.

އެލައިޑުގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެކުންފުނިން މިރޭ ޚާއްސަ އިވެންޓެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ އިވެންޓުގައި، އެލައިޑުން އާ ޕްރޮޑަކްޓްތަކެއް ލޯންޗުކުރަން ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މިއަދު 12:30 އިން މެންދުރު 3:00 އާ ދެމެދު، އަމީރު އަހްމަދު މަގުގައި، ވެލާނާގެ ކުރިމަތިން ހުންނަ އެލައިޑުގެ ސާވިސް ސެންޓަރުން އަހަރީ ދުވަހުގެ ޚާއްސަ ކޭކު ބެހުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.