ސޯލް(ޖެނުއަރީ 30): ދެކުނު ކޮރެއާގައި އަންނަ މަހު ބާއްވާ ވިންޓާ އޮލިމްޕިކްސްއާ ދިމާކޮށް އެގައުމާ ގުޅިގެން ބާއްވަން އޮތް ސަގާފީ ހަރަކާތެއް އުތުރު ކޮރެއާއިން ކެންސަލްކޮށްފި ކަމަށް ދެކުނުން ބުނެފި އެވެ.

އަންނަ މަހުގެ ހަތަރެއްގައި އުތުރު ކޮރެއާގެ ފަރުބަދައެއް މަތީ ބާއްވަން ހަމަޖެހިފައިވާ އެހަރަކާތް އެގައުމުން ކެންސަލް ކުރީ ދެކުނުގެ މީޑިއާތަކުން އެހަރަކާތްތައް ކަވާ ކުރުމުގައި "ވަކި ފަރާތަކަށް ޖެހިފައިވާ" ކަމަށް ބުނެ އެވެ.

އަދި އަންނަ މަހުގެ އަށެއްގައި އޮލިމްޕިކްސް ފެށުމުގެ ކުރިން ދެކުނު ކޮރެއާއިން އަސްކަރީ ޕެރޭޑެއް ބާއްވަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރާތީވެސް އުތުރު ކޮރެއާއިން ރުޅިގަދަވެފައިވާ ކަމަށް ދެކުނުގެ ޔުނިފިކޭޝަން މިނިސްޓްރީން ބުންޏެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ އުތުރުން އެހަރަކާތް ކެންސަލް ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް ބުނެފައެވެ. އަދި އޮލިމްޕިކް ގޭމްސްއާ ގުޅިގެން ދެ ގައުމުގެ މެދުގައި ހެދި ހުރިހާ އެއްބަސްވުންތަކަށްވެސް އިހުތިރާމު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކުނުން ބުންޏެވެ.

ސޯޅަ ދުވަހަށް ދެމިގެންދާ ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމުން ދެ ގައުމުގެ ގުޅުން ބަދަހި ވާނެ ކަމަށް ބުނެ ދެކުނާއި އުތުރުން ވަނީ މިދިޔަ މަހު މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވައިފައެވެ.

އެބައްދަލުވުންތަކުގައި ދެ ގައުމުން ވަނީ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދެ ކޮރެޔާއިން ހިނގާނީ ދެ ގައުމު ރަމްޒުކޮށްދޭ ހާއްސަ ދިދައެއް ހިފައިގެން ކަމަށް އެއްބަސްވެފައެވެ. އަދި ދެ ގައުމުން އޮލިމްޕިކްސްގައި ބައިވެރި ކުރާނީ އަންހެނުންގެ އެއް އައިސް ހޮކީ ޓީމު ކަމަށް ނިންމާފައެވެ.

މީގެ އިތުރުންވެސް ދެކުނު ކޮރެޔާގައި އޮންނަ އޮލިމްޕިކްސްއަށް އުތުރު ކޮރެޔާގެ ހާއްސަ ވަފުދެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެވަފުދުގައި ހިމެނޭނީ ޖުމްލަ 550 މީހުންނެވެ. މީގެ ތެރޭގައި 200 ޗިއާލީޑަރުންނާ، 150 ފަންނާނުންގެ އިތުރުން ކޮރެޔާ ޚާއްސަ މާޝަލް އާޓްސް ހުނަރެއް ކަމަށްވާ ޓައިކްވޮންޑޯ ހުނަރު ދައްކާލާނެ 30 މީހުން ހިމެނެއެވެ. (ބީބީސީ)