ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ، ސިއްރުން ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ ދެ މައްސަލަ ވެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00އަށެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސިއްރުން ބާއްވާ ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެ ދެ މައްސަލަ ސިއްރުން ބާއްވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އެދުމުގެ މަތިންނެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އަދީބުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި މިވަނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް އެމަނިކުފާނު ރިޝްވަތު ދެއްވާފައިވާ ކަމުގެ ތުހުމަތުކޮށެވެ. އަދި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލާފައިވަނީ އެމަނިކުފާނު ނައިބު ރައީސަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ބައެއް ފުލުހުންނަށް ރިޝަވަތު ދެއްވައިގެން ބައެއް ކަހަލަ ނާޖައިޒު ފައިދާ ހޯދާފައިވާ ކަމުގެ ތުހުމަތުގައެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި މިދިޔަ އަހަރު ވަނީ ނުވަ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން ގިނަ ތުހުމަތުތަކެއްކޮށް ދައުވާ އުފުލަމުންދާއިރު އޭނާގެ މައްޗަށް މިހާރު ވެސް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.