30 Jan 2018, 09:23
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތު" މެލޭޝިއާގައި ދެއްކުން އެ ގައުމުގެ ސެންސަރު ބޯޑުން މަނާކޮށްފިއެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މެލޭޝިއާގައި ފިލްމު ދެއްކުން މަނާކޮށްފައިވަނީ މުޖުތަމައުގެ މީހުންގެ އަމަން އަމާންކަމަށާއި މުޖުތަމައުގައި އުފެދިދާނެ ހަމަނުޖެހުމުގެ ބިރަށްޓަކައި ކަމަށެވެ.
"ޕަދްމާވަތު" އަށް އިންޑިއާއިން ގިނަ ފިއްތުންތަކެއް ކުރިމަތިވެ އެ ފިލްމު އެޅުވުމަށް އިންޑިއާގެ ސެންސަރު ބޯޑުން އެ ފިލްމު ފާސްކޮށް ދިނީ ފިލްމުގެ ނަން ބަދަލުކުރަން އަމުރުކުރުމަށްފަހު އެވެ.
"ޕަދްމާވަތު" އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.
ނަމަވެސް ފިލްމަށް ގިނަ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް ފިލްމަށް ލިބެމުންދާ ތަރުހީބަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. ފިލްމު ބެލި ގިނަ ބަޔަކު ވަނީ ފިލްމަށް ތައުރީފުކޮށްފައެވެ. ދީޕިކާ ޕަދްކޯން، ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ފެނިގެންދާ މި ފިލްމު އުފައްދާފައިވަނީ އެއް ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ.