17 Aug 2011, 15:58
ހޮލެންޑް ތަރި ވެސްލޭ ސްނެއިޑާ މިސީޒަންގައި އިޓަލީގެ އިންޓަމިލާން ދޫކޮށް އެހެން ކުލަބަކަށް ނުދާނެ ކަމަށް އެކްލަބުގެ ރައީސް މަސިމޯ މޮރާޓީ ބުނެފި އެވެ. މޮރާޓީ މިހެން ބުނެފައިވާއިރު އިންޓަމިލާންގެ ކެމަރޫން ފޯވާޑް ސަމުއެލް އެޓޫ އެކްލަބު ދޫކޮށް ދިއުން ގާތް ކަމަށް ރިޕޯޓްތައް ބުނަމުންދެ އެވެ.
މިސީޒަން ފެށުމުގެ ކުރިން މެންޗެސްޓާއިން ސްނެއިޑާއަށް 35 މިލިޔަން ޕައުންޑްގެ އަގެއް ހުށަހެޅި ނަމަވެސް އިންޓަމިލާނުން އެހުށަހެޅުން ދޫކޮށްލާފައިވެ އެވެ. ސްނެއިޑާ އަށް އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާކަމަށް ބުނެ މީޑިޔާގައި ދެކެވެމުން އަންނަ ވާހަކަތައް މޮރާޓީ ވަނީ ދޮގުކޮށްފަ އެވެ.
"ސްނެއިޑާ އާއި އެއްވެސް ކްލަބަކުން ވާހަކަ ދައްކާފައެއް ނުވޭ. އަހަރެންނަށް މައްސަލައެއް ނެތް އެޓޫ ކްލަބުގައި މަޑުކުރިޔަސް ނުވަތަ ކްލަބު ދޫކޮށް ދިޔަޔަސް. އެކަމަކު ސްނެއިޑާ ދޫކޮށްލާކަށް ބޭނުމެއް ނޫން. މިސީޒަންގައި ސްނެއިޑާ މަޑުކުރާނީ އިންޓަމިލާނާ އެކު." އިންޓަމިލާންގެ ރައީސް މޮރާޓީ ބުންޏެވެ.
އިންޓަމިލާނުން އެޓީމުގެ ފޯވާޑް އެޓޫ ރަޝިޔާގެ އަންޒީއަށް ބަދަލުވެއްޖެނަމަ އޭނާގެ މަތިން ވަރަށް ހަނދާންވާނެ ކަމަށް މޮރާޓީ ބުނެފައިވެ އެވެ. "އެޓޫ އިންޓަމިލާން ދޫކޮށް ހިނގައްޖެނަމަ، ހަގީގަތުގައިވެސް އަހަރެން ވަރަށް އޭނާ މަތިން ހަނދާންވާނެ. އެޓޫއަކީ ވަރަށް ހެޔޮ މީހެއް އަދި ވަރަށް މޮޅު ކުޅުންތެރިއެއް." މޮރާޓީ ބުންޏެވެ.
އެޓޫގެ ބަދަލުގައި ޓެވޭޒް ލިބޭނެދާނެކަމުގެ އުންމީދުނެތް ނަމަވެސް ޑިއޭގޯ ފޯލާންއާއި އެޒެކުއިލް ލަވޭޒީ ހޯދުމަށް މަސައްކަތްކުރާ ކަމަށް މޮރާޓީ ބުންޏެވެ. "ޓެވޭޒް ލިބޭނެހެން ހިއެއްނުވޭ. ލަވޭޒީ އާއި ފޯލާން ހޯދުމަށް އެބަ މަސައްކަތް ކުރަން. އަހަރެމެން ހޯދުމަށް މިމަސައްކަތްކުރަނީ މުޅިން ތަފާތު ހުނަރުތަކެއްގެ ކުޅުންތެރިއެއް."