އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ އަވޭ މެޗުން ޓީސީ ސްޕޯޓްސް ކްލަބަށް މޮޅެއް ހޯދިފައި އޮތް ނަމަވެސް، މިރޭ ރާއްޖޭގައި ކުޅޭ މެޗު ފަސޭހަކޮށް ނުލާނެ ކަމަށް ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ޓީސީ އާއި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ވާދަކުރި މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭ އޮންނަ ދެވަނަ ލެގުގެ މެޗާ ގުޅޭގޮތުން 'ސަން ސްޕޯޓްސް' އަށް ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓީސީ އެޑްވާންޓޭޖުގައި އޮތް ނަމަވެސް ކުރަން ޖެހޭ މަސައްކަތް ފަސޭހަކޮށްނުލާނެ ކަމަށެވެ.

"ޓީސީ މިއޮތީ އެޑްވާންޓޭޖަކާއެކު، އެކަމަކުވެސް މެޗުގައި ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑަށް ކުޅުންތެރިންނަށް އެނގޭނެ. އެ ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ. ކުޅުންތެރިންނަށް އެނގޭނެ އިދިކޮޅު ޓީމުންވެސް މެޗުން މޮޅުވާން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަން. ވަރަށް ސީރިއަސްކޮށް މެޗު ނަގާނެ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މެޗަކަށް ނުކުތުމުގެ ކުރިން ސީދާ މޮޅުވާނެއޭ ބުނަން ނޭނގޭނެ ކަމަށާއި، އިރާދަކުރެއްވިއްޔާ މެޗުން މޮޅުވެ ކޮލިފިކޭޝަން ޕްލޭ އޮފްގެ ޖާގަ ހޯދާނެ ކަމަށެވެ.

ފުރަތަމަ ލެގުގެ މެޗުގައި ޓީސީގެ ބިދޭސީ ކީޕަރު ބެލަރޫސްގެ ޑިމިޓްރީ އަސްނިންއަށް އަނިޔާވެ، އޭނާ ހަ ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ އިރު، މިރޭގެ މެޗުގައި އެޓީމުގެ ގޯލް ބަލަހައްޓާނީ އެ މެޗުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ނަދީމެވެ.

އަނިޔާގައި ހުރި ޓީސީގެ ކީޕަރު އަސްނިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިޒާމްބެ ބުނީ ކީޕަރު ނަދީމާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި، ކުރިން މެޗުގައިވެސް އޭނާގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ޕާފޯމަންސެއް ކަމަށެވެ.

'"ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކީޕަރަށް. މިހާތަނަށް އޭނާ ކުޅުނު ހުރިހާ މެޗެއްގައިވެސް ވަރަށް ރަނގަޅަށް ޕާފޯމްކުރި ކީޕަރު، މިދިޔަ ސީޒަންގައިވެސް އެ ކީޕަރު ވާނީ ތިނަދުއާ ދެކޮޅަށް ކުޅުނު ޕްރެޝަރު މެޗެއްގައިވެސް ކުޅުވާފައި، ވަރަށް ބޮޑަށް ކައްސާލައިގެން ދާ ކަހަލަ މެޗެއް އެއީ، އެކަމަކު އޭނަ ވަރަށް ރަނގަޅަށް ޕާފޯމްކުރި. ފުރަތަމަ ލެގުގެ މެޗަކީ ކީޕަރަށް ފުރަތަމަ އިންޓަނޭޝަނަލް އެކްސްޕީރިއަންސް ނަމަވެސް ޓީމު ޕްރެޝަރު އޮތް ގަޑިއެއްގައި ވަރަށް އަވަހަށް ގޭމް ތެރެއަށް ވަދެ ކޮންފެޑެންސާއެކު ކުޅުނީ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އިތުރަށް ބުނީ ރާއްޖޭގައި ބަނގުލަދޭޝްގެ ރައްޔިތުން ގިނަވެފައި އެމީހުންގެ ގިނަ އަދަދެއް ދަނޑަށް ވަން ނަމަވެސް ޕްރެޝަރު ނުވާނެ ކަމަށާއި، އެދެނީ ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ރައްޔިތުންވެސް ޓީސީ ސަޕޯޓަރުންނާއެކު ޓީސީއަށް ސަޕޯޓުކޮށްދިނުމަށް ކަމަށެވެ.

"ހަމަގައިމުވެސް ބަނގުލަދޭޝްގައި ވީ ވަރެއް ނުވާނެ. މިދިޔަ އަހަރުވެސް ވަރަށް ގިނަ ސަޕޯޓަރުންތަކެއް ކުރިމަތީގައި ކުޅުނީ. އޭގެ ތަޖުރިބާ ލިބުނު، ގަބޫލުކުރަނީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ އެންމެންވެސް ޓީސީ ސަޕޯޓަރުންނާއެކު ޓީސީއަށް ސަޕޯޓުކުރައްވާނެ ކަމަށް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އަލަށް ގެނައި މިޑްފީލްޑަރާއި ކީޕަރުވެސް ފުރަތަމަ ލެގު މެޗުގައި ވަރަށް ރަނގަޅަށް ޕާފޯމްކުރި ކަމަށާއި ޓީމު އޯގަނައިޒްކޮށް ދަނޑުމަތީގައި ލީޑުވެސް ނަގައިގެން އެ ކުޅުންތެރިން ކުޅުމަކީ ޓީސީއަށް ހިތްވަރެއް ކަމަށެވެ.

ފުރަތަމަ ލެގުގައި ޓީސީން ކާމިޔާބުކުރި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލަށް ގުޅުނު މިޑްފީލްޑަރު އެނަޓޯލީ ވްލާސިޗޭވްއެވެ.

ޓީސީގެ ހެޑް ކޯޗުގެ މަގާމުގައި މިވަގުތު ހުރި ހުސެއިން ހަލީމް (ޖަޑާ) އިއްޔެގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ބުނީ ޓީމު އޮތީ ޓެކްނިކަލީ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ސައިފް ސްޕޯޓިން ވަރަށް ރަނގަޅަށް ދިރާސާކޮށް ފަރިތަކުރުންތައް ކުރިއަށްގެންދެވިފައިވާ ކަމަށްވެސް ޖަޑާ ބުންޏެވެ.

ޓީސީ ޓީމު ފުރަތަމަ ލެގަށް ބަންގާޅަށް ފުރުމުގެ ކުރިން ކެޕްޓަން ފައްރަ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނީ ޓީސީއަކީ ޓީމަކަށްވުރެ ބޮޑަށް އާއިލާއެއް ކަމަށާއި، ޓީސީ ނުކުންނާނީ މިރޭގެ މެޗުވެސް ކާމިޔާބުކުރުމަށް ކަމަށެވެ.

ޓީސީ އަދި ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.