30 Jan 2018, 09:28
އުރީދޫ މޯލްޑިވްސްއާއެކު ޕާޓްނާޝިޕް ހެދުމުގެ މައިގަނޑު ޓާގެޓަކަށް ވާނީ އަލީ އަޝްފާގު (ދަގަނޑޭ) ފަދަ ދެވަނަ ކުޅުންތެރިއެއް އުފެއްދުން ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ނިއުރޭޑިއަން ހަމަޖައްސައި، އެކަމުގެ އެއްބަސަވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާގައެވެ.
އިއްޔެ ހަވީރު ޓާފް ދަނޑުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ ރާއްޖެގައި އޮތް ޒުވާން ޖީލުގެ ތެރެއިން އަޝްފާގު ފަދަ ކުޅުންތެރިއަކު އުފެއްދުމަކީ އުރީދޫއާއެކު ވެވުނު އެއްބަސްވުމުގެ މައިގަނޑު ޓާގެޓް ކަމަށެވެ.
"ޕާޓްނާޝިޕާއެކު މިބަލަނީ ކޯޗިން ޕްރޮގްރާމްތަކާއި ފުޓުބޯޅަ ކުރިއެރުވުމުގެ ހާއްސަ ކަންތައްތަކަކަށް. އަދި ރާއްޖޭގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން ދެވަނަ އަޝްފާގެއް ނެރުމަކީ ވަރަށް ބޮޑު ޓާގެޓެއް. މިއީ ފުޓުބޯޅައިގައި މަދުވާ އެއްޗެއް. ދެވަނަ އަޝްފާގެއް ރާއްޖޭގައި އުފެއްދެވިފައެއް ނެތް. އެހެންވީމަ މި ޕާޓްނާޝިޕާއެކު އެފަދަ ކުޅުންތެރިން އުފެއްދުމަށް ހާއްސަކަމެއް ދޭނަން،" ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ނިއުރޭޑިއަންޓުން އުރީދޫއާއެކު އަތް ގުޅާލީ ހަމައެކަނި ފުޓުބޯޅައިގެ 'ގޭމް' މިހާރު އޮތް ލެވެލްގައި ކުޅުމަށް ނޫން ކަމަށާއި ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި މިދިޔަ ހަފްތާގައި އުރީދޫގެ ސީއީއޯ ބައްދަލުވެ އޭނާ ހިއްސާކުރެއްވި ވިސްނުން. އުރީދޫގެ ފިލޯސޮފީއަކީ ފުޓުބޯޅަ މިހާރު އޮތް ހިސާބުގައި ބޭއްވުމެއް ނޫން. ފުޓުބޯޅަ ހުރި މިސްރާބުން އިތުރަށް ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިޔުން،" ޒިޔާދު ފާހަގަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ ނިއުއަށް މި ސީޒަންގައި އެންމެ މުހިއްމު މުބާރާތަކީ އޭއެފްސީ ކަޕް ކަމަށާއި، ނިއުގެ ޕާޓްނަރުގެ އެހީގައި އެެ މުބާރާތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެކަން ޔަގީންކުރާ ކަމަށެވެ. އަދި ޒިޔާދު ވިދާޅުވީ އޭނާ ގަބޫލުފުޅުކުރައްވަނީ މިހާރު އޮތް ޓީމާއެކު ނިއުއިން އޭއެފްސީ ކަޕުގެ ފައިނަލާ ހަމައަށް ދަތުރު ކުރާނޭ ކަމަށް ކަމަށެވެ.
އިއްޔެ ސޮއިކުރެވުނު ޕާޓްނާޝިޕްގެ ދަށުން އުރީދޫއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑެމީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަ ކޯޗިން ކޭމްޕްތަށްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.