ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ނަމުގައި ޚަބަރު ޝާއިއުކުރާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަނެއްކާވެސް ބުނެފިއެވެ.

ކަރެކްޝަންސް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ހުކުމް ތަންފީޒު ކުރާ މީހުންނާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމުކުރަންޖެހޭނީ އެކަމާ ގުޅޭގޮތުން ހެދިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކަމަށެވެ. އެފަދަ ފަރާތްތަކާ މެދު ފިޔަވަޚު އަޅާނެ ކަމަށް މީގެކުރިން އެ ސާވިސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި އިލްތިމާސްކޮށްފައިވާ ކަމަށް މިރޭ ނެރުނު ނޫސް ބަޔާނުގައިވެއެވެ.

ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ނަމުގައި މިހާރަކަށް އައިސް މީޑިއާގައި ޝާއިއުކުރަމުންދާ ޚަބަރުތަކަކީ ގާނޫނާ ގަވާއިދާ ޚިލާފަށް ޝާއިއުކުރަމުންދާ ޚަބަރުތަކެއް ކަމަށް ވެސް މިރޭ ނެރުނު ނޫސް ބަޔާނުގައިވެއެވެ.

"އެފަދަ ތަކެތި އާންމުކުރާ ފަރާތްތަކާއި، މީޑިއާތަކުން ޝާއިއުކުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފަށައިފީމެވެ،" ކަރެކްޝަންސް އިން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރުންގެ ނަމުގައި ޚިތޯބުތައް ދެމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި މީޑިއާތަކުން އަންނަނީ އެ ޚަބަރުތައް ނޫސްތަކުގައި ޝާއިއުކުރަމުންނެވެ.