ގައުމަށް ވަކި މުއްދަތަކަށް ހިދުމަތް ކުރުމުން އެމީހާ އެކުރި ހިދުމަތަށް ބަލާފައި ޚާއްސަ އިމްތިޔާޒުތަކެއް ލިބުނު ނަމަވެސް އެއީ ގާނުނު މުގުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި ތިބޭ މީހުންނަށް އަދަބު ލިބުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އަބަދުވެސް ފަރުދަކަށްވުރެ މުޖްތަމައު މުހިންމުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނަށް ވުރެ މަތީގައި ތިބޭ މީހުންނެއް ނުތިބޭނެ. އިމްތިޔާޒެއް ލިބުމަކީ ގާނޫނު މުގުރަން ލިބޭ ލައިސަންސެއް ނޫން. އިމްތިޔާޒެއް ލިބުމަކީ ހުރިހާ ކަމަކަށް އެއްގޮތަކަށްވެސް ފާޑު ކިޔޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަމަށް ފާޑު ކިޔަންވާނީ އެކަންކަމުގެ ހަގީގަތްތައް ބަލައި ދިރާސާ ކުރުމަށްފަހު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ޝަރުއީ މަރުހަލާ ފުރިހަމަކޮށްފައި ނޫނީ އެއްވެސް މީހަކު ބަންދެއް ނުކުރާނެ ކަމަށެވެ. އަދި ބަންދުވާ ކޮންމެ މީހަކަށްވެސް ސުޕްރީމް ކޯޓާ ހިސާބަށް ގޮސްގެން އިންސާފު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ހަރު އަޑުފުޅުން ވާހަކަ ދައްކާ ކޮންމެ ބޭފުޅަކީ އިސްލާހުކުރަން ފުރުސަތު ލިބިވަޑައިގެން އިސްލާހު ކުރަން ނޭނގުނު ބޭފުޅުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި އިރު އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތާއި ގަނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމުގެ ތުހުމަތު ކޮށް ތަހުގީގަށް ބަންދުކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ އެއްބަފާ ބޭބެ ކުރީގެ ރައީސް މައުމޫން އަދި ފާރިޝްގެ ބައްޕާފުޅު ވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މާފަންނު ކުނޫޒުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ވެރިކަން ބަދަލުކުރަން ވަކި ވަގުތެއް ޖެހެންދެން މަޑުނުކުރުމަށް ގޮވާލާފައެވެ. އަދި ރިޔާސީ އިންތިހާބުގެކުރިން ވެރިކަން ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.