30 Jan 2018, 08:59
މިފެށޭ ސީޒަންގައި ނިރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަނަކަށް ގައުމީ ޓީމުގެވެސް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފިއެވެ.
ނިއުރޭޑިއަންޓްގެ ސީނިއާ ވައިސް ކެޕްޓަންގެ ގޮތުގައި ކުރިންވެސް އެ މަގާމުގައި ހުރި އަލީ ފާސިރު (ސެންޓޭ) ހަމަޖެއްސި އިރު، އަކުރަމް އަބްދުލްޣަނީ (އަކޫ) ވަނީ ވައިސް ކެޕްޓަންގެ ގޮތުގައި ހަމަޖައްސައިފައެވެ.
ދަގަނޑޭއާއި ސެންޓޭ އަދި އަކޫއަށް ކްލަބުގެ ކެޕްޓަން ބޭންޑު އިއްޔެ ހަވާލުކޮށްދިނީ އެ ކްލަބުގެ މެއިން ސްޕޮންސަރުގެ ގޮތުގައި އުރީދޫ ހަމަޖެއްސުމަށް ބޭއްވި ހަފްލާގައެވެ. އެ ހަފްލާގައި ދަގަނޑޭއަށް ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާނެވެ.
މިދިޔަ ސީޒަންގައި ނިއުގެ ކެޕްޓަން ބޭންޑް އަޅާފައިވަނީ ކީޕަރު އިމްރާން މުހައްމަދު (އިންމަ) އެވެ. މިސީޒަންގައި އަލަށް ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރެވުނު ދަގަނޑޭއާއި ސީނިއާ ވައިސް ކެޕްޓަން ސެންޓޭ އަދި ވައިސް ކެޕްޓަން އަކޫއަށް ވެސް އިންމަ ވަނީ މަރުހަބާ ކިޔައިފައެވެ.
އިންމަގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައިވަނީ ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭގެ އިތުރުން ނިއުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖެއްސި ދެ ކުޅުންތެރިންނަށް މަރުހަބާ ކިޔައި، 2018 ވަނަ އަހަރުގެ ސީޒަންގައި ކާމިޔާބީއަށް އެދޭ ކަމަށެވެ.
އިއްޔެ ބޭއްވި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަނީ ހަމަޖައްސައިފައެވެ.