17 Aug 2011, 15:50
ރެޒިޑެންޑް ވިޒާ އާ ބެހޭ ގޮތުން އިމިގްރޭޝަން ގާނުނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ގައުމުގެ އިސްތިގުލާލަށް ހުރި ނުރައްކާތަކެއް ފާހަގަ ކުރެވިގެންދާ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވީ، އެ ބިލުގައި ވިޒާ ދޭނެ އުސޫލުތަކެއް ބަޔާންނުކޮށް ހަމައެކަނި ސަރުކާރަށް ފެންނަ ގޮތްތަކަށް އެކަން ކުރާގޮތަށް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ބިދޭސީންނަށް ފަސޭހަކަމާ އެކު ރާއްޖޭގައި ވަޒަންވެރި ވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ، އެ ބިލަކީ، އެއާޕޯޓު ކުއްޔަށްދީފައިވާ ޖީއެމްއާރުގެ ބިދޭސީ މުވައްޒިފުންނާއި ސަރުކާރުން ގެންނަން ބޭނުންވެގެންއުޅޭ އިޒުރޭލް މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި އެއީ ދުރާލާ ބޭރުގެ ފަރާތްތަކާ އެކު ރާވައިގެން ހިންގާ ކަމެއް ކަމަށާއި ރާއްޖޭގައި ވަޒަންވެރި ކުރުމަށް ސަރުކާރުން ބޭނުންވާ ބަޔަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ ކަމަށް ވެސް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.
މި ބިލު ހުށަހަޅުއްވަމުން މޫސަ ވިދާޅުވީ، ސަރުކާރުގެ އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ މީހުން ތަފާތު ވިޒާތައް ބޭނުންކޮށްގެން ވިޔަފާރި އާއި އިޖްތިމާއީ އިގްތިސަދީ ކަންކަމުގައި ތިބެވޭނެ ގޮތެއް ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
"މި ބިލު ހުށަހެޅި ދެ ސަބަބެއް އެބައޮތް. އެއީ ދިވެއްސަކާއި ކައިވެނި ކުރުމަށް ފަހު ކުދިން ލިބި ދެމަފިރިން ދުރުވާން ޖެހިއްޖެ ހިނދެއްގައި ބިދޭސީ މީހާއަށް ރާއްޖޭގައި ހުރެގެން ކުދިން ބަލައި މައިންބަފައިންގެ ޒިންމާތައް އަދާ ކުރުމުގެ ފުރުސަތު ނުލިބުން. ދެވަނަ ސަބަބަކި ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން އުޅޭ ބިދޭސީ ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ރާއްޖޭގައި ތިބުމުގެ އިންތިޒާމް ހަމަޖެހޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައި އޮތުން.،" ބިލު ހުށަހަޅުއްވަމުން މޫސަ ވިދާޅުވި އެވެ.