29 Jan 2018, 22:55
މުސާރަ ނުދޭ އަމިއްލަ ކުންފުނިތަކުން ކެނޑިގެން ސަރުކާރު ކުންފުނި ތަކާ ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ކުރިއަށްދާ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ބައެއް ރިސޯޓްތައް ބަންދުކުރާ ދަރަޖައަށް ދިޔުމުން އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ މުވައްޒަފުންނަށްވެސް "ޗޮއިސް" އެއް އެބައޮތް ކަމަށާއި ސަރުކާރުން އެފަދަ މުވައްޒަފުންނަށް ފުރުސަތު ހޯދައިދޭނެ ކަމަށެވެ.
"މިއަދު ސަރުކާރުގެ ކުންފުނިތަކުގައި ގާބިލްކަން އެބަހުރި. މުސާރަ ނުދޭ ކުންފުނިތަކުން ކެނޑިގެން އާދޭ ސަރުކާރު ކުންފުނިތަކަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް ވެސް ސަރުކާރު ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި އެ މުވައްޒަފުންނަށް ކުރިން ލިބުނުވަރުގެ މުސާރައެއް ލިބޭނެ ކަމަށެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަން އޮންނަ ބަހަނާއަކަށް އެފަދަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މުޅި މުޖްތަމައުގެ ހައްގުގައި ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ޓެކްސް ދައްކަން މަޖުބޫރުވީމަަ އެތާ ވަޒީފާ އަދާ ކުރާ މީހުންނަށް ލިބޭނެ ނިކަމެތި ކަމުގެ ވާހަކަ ދައްކަން ލިބޭނެ ފުރުސަތަކަށް ވެގެން ނުވާނެ. އެއިން ކޮންމެ މީހަކަށްވެސް ލިބޭނެ ފުރުސަތެއް އެއީ އެހެން ތަނަކަށް ހިޖުރަކުރުން އެއީ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ ގޮތެއް ހަދައިގެންވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުން ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު ވިލާ ގުރުޕްގެ ދަށުން ހިންގަމުން އަންނަ ފަސް ރިސޯޓެއްގައި ރާ ވިއްކުމުގެ ހުއްދަ ދާދި ފަހުން ބާތިލް ކުރުމުން އެ ރިސޯޓްތައް ބަންދު ކުރަން ޖެހި އެތައް މުވައްޒަފުންތަކެއް ބިކަވެދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގައި އެ ރިސޯޓްތަކުގެ މުވައްޒަފުންވަނީ މުޒާހަރާވެސް ކޮށްފައެވެ.
ވިލާގެ ރިސޯޓުތަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އެތަކެއް މިލިއަން ޑޮލަރުގެ ފައިސާ ހޯދުމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.