ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގިނަ ކުޅުންތެރިންތަކެއް ރޭ ސޮއިކޮށްފިއެވެ.

މިފެށޭ ސީޒަނަށް ތައްޔާރުވުމަށްޓަކައި ވިކްޓަރީން ކުރާ މަސައްކަތްތައް ފެންނަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެ ކްލަބަށް އަމާޒުވެފައެވެ. ގިނަ ޓީމުތަކުން މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު، ކްލަބުގެ ތައްޔާރީތައް ލަސްވީ ފައިސާގެ ދަތިތަކެއް އުޅޭތީ ކަމަށާއި، އަނެއްކާވެސް މި ނުކުންނަނީ ވިކްޓަރީގެ ކުރީގެ މަގާމަށް ގެންދިއުމުގެ މަގުސަދުގައި ކަމަށް ކްލަބުގެ ޗެއާމަން އިބްރާހީމް ނަޒީމް ރޭ ވަނީ ވިދާޅުވެފައެވެ.

ވިކްޓަރީގެ ސީޒަން ތައްޔާރީތައް ނޫސްވެރިންނާ ހިއްސާކުރުމާއި އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ތައާރަފްކޮށްދިނުމަށް ރޭ ބޭއްވި ހަފްލާގައި އެޓީމަށް ސޮއިކުރި ކުޅުންތެރިން ވަނީ ދައްކާލައިފައެވެ.

މިދިޔަ ސީޒަންގައި ވިކްޓްރީއާއި ނިއު ކުޅުނު މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ވިކްޓްރީއަށް ރޭ ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ޝާފީއާއި ކުޑަ އިންމަގެ އިތުރުން ޓީސީގެ ކެޕްޓަން ބޭންޑް މިދިޔަ ސީޒަންގައި އެޅި އަލީ ނާފިއު އަދި ގްރީން ސްޓްރީޓްސްއަށް މާލޭ ލީގުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރަޝީދު (އައްމަޑޭ) ވެސް ފާހަގަކޮށްލެވުނެވެ. މީގެ އިތުރުންވެސް ނިއުރޭޑިއަންޓަށް ކުޅުނު ފޯވާޑް މުހައްމަދު ޝާދިންއާއި، އާދަމް އިޝާން (ސަން)އާއި، ވެލެންސިއާގެ ކެޕްޓަން ބޭންޑް އެޅި ހުސެއިން ނިހާނާއި، އެޓީމަށް ކުޅުނު މުހައްމަދު ފުހައިދާއި، އިބްރާހިމް ހަމްދާން (މެސީ) އަދި މުހައްމަދު ޝިހްބާން ވެސް ރޭ ވަނީ ވިކްޓްރީއާ ގުޅިފައެވެ.

ވިކްޓަރީއަށް ރޭ ސޮއިކުރި ބިދޭސީ ކުޅުންތެރިޔަކީ ކުރިން ވެލެންސިއާއަށް ވެސް ކުޅުނު އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހަށް މޮޅު ކުޅުމެއް ދެއްކި އެންޖެލް ކަރަސްކޯސާ މުނޯޒެވެ. މުނޯޒްގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިން މިސީޒަންގައި ވިކްޓަރީން ފެންނާނެ ކަމަށް އެ ކްލަބުގެ ޗެއާމަން އިބްރާހީމް ނަޒީމް ރޭ ވަނީ ވިދާޅުވެފައެވެ.

މިސީޒަނަށް ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިންވެސް އެޓީމަށް ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު ލާޒްލޯ ކިސްއެވެ.