ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު ގެނައުމާއި މަގާމުން ދުރުކުރުމަކީ ޝަރުއީ ކޯޓުތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒު އެހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ހަތަރު ލީޑަރުން ސޮއި ކުރައްވައި ރައިސުލްޖުމްހޫރިއްޔާ މަގާމުން ދުރުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، މިރޭ ޕީޕީއެމްގެ 'ރުމާލް2' ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ހިނގާނެ މައްސަލައެއް ނޫން ކަމަށާއި ކޯޓުތަކުގައި ތިއްބެވީ ތަސައްރަފު ފުރިފައި ތިއްބެވި ގާބިލު ފަޑިޔާރުން ކަމަށެވެ.

"ރާއްޖެއަށް އަންނަ ވެރިޔަކަށް ވެރިކަން ދެނީ، ވެރިކަމުން ބާލަނީ ކޯޓަތަކުން ނޫން. އެއީ ޝަރުއީ ކޯޓުތަކަކުން ކުރާ ކަމެއް ނޫން. ޝަރުއީ ކޯޓުތަކުން ކުރާ ކަންތައްތައް އަޅުގަނޑުމެނަށް ފެންނާނެ،" ރިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް ރިޔާޒު ވަނީ ވަރަށް ހޫނު ރައްދެއްދެއްވައި އެ ބޭފުޅުންނަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ޗެލެންޖު ކުރައްވާފައެވެ. ރިޔާޒު ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާ ހުރި މީހުން ވެސް ތިބީ މިއަދުގެ ސަރުކާރުގައި ކަމަށެވެ.

"..އަދިވެސް އަޔަސް އެމީހުން އަޅުގަނޑުމެން ވައްޓާލާނަން. މި ސަރުކާރު ވައްޓައެއް ނުލެވޭނެ އެމީހުނަކަށް. އެއީ އެމީހުނަށް ވާނެ ކަމެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.

ކޯޓުތަކަށް މިއަދު އައިސްފައިވާ ތަރައްގީގެ ހަގީގީ ބާނިއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ތައުރީފުކުރައްވައި ރިޔާޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ޔާމީން އިސްވެހުރެ އެކަން ކުރައްވާފައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"އޭރުގައި އޮތް އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އަޅުގަނޑުމެން މާލިއްޔަތު ކޮމެޓީގެ ތެރެއިން އެމަނުކުފާނު (ރައީސް ޔާމީން) ވެސް އިންނަވައިގެން އެބޭބޭފުޅުންނަށް އިސް ގާޒީންނަށް ފަންސާސް ހަތް ހާސް ރުފިޔާގެ މުސާރައަކާއި އެބޭބޭފުޅުންގެ އާއިލާ އަށާއި މައިންނާއި ބަފައިންނާއި ދަރިންނާ އެންމެނަށް ހެލްތު އިންސިއުރެންސް ކަށަވަރުކޮށްދިނިން،" ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރިޔާޒު ވިދާޅުވިއެވެ.

ރާއްޖެއަށް އައިސްފައިވާ ކޮންމެ ކުރިއެރުމަކާއި ތަރައްގީއެއްގައި ވެސް ރައީސް ޔާމީންގެ ބައިވެރިވުން އެބައޮތް ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ކުންފުނިތަކަށް އައިސްފައިވާ ތަރައްގީގައި ވެސް ރައީސް ޔާމީންގެ ހިއްސާ އެބައޮތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މި ކުރު މުއްދަތުގައި އެސްޓީއޯއަށް އައިސްފައިވާ ތަރައްގީއަށް ވެސް ބައްލަވާ. ދެން އަޅުގަނޑުމެން ބައްލަވާ އެއާޕޯޓް. އަޅުގަނޑު ވެސް ކަންބޮޑުވޭ. އަޅުގަނޑު އުފާވޭ،" ރިޔާޒު ވިދާޅުވިއެވެ.

އިދިކޮޅު ހަތަރު ލީޑަރަކު ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން އެއްވެސް މުއައްސަސާއަކުން އެ މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.

ގާނުނުއަސާސީގެ 100 ވަނަ މާއްދާގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މިދިޔަ އަހަރުގެ މޭ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އެގޮތުން ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަތަކާއި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައިވެސް ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ އަމުރުގަިއ ބުނެފައިވެއެވެ.