29 Jan 2018, 19:54
އިސްލާމްއާބާދު ( 29 ޖެނުއަރީ): މިމަހު ނުވަ ވަަނަ ދުވަހު ޕާކިސްތާނުގައި ރޭޕްކޮށް މަރާލައިފައި އެއްލާލާފައި އޮއްވާ ފެނުނު ޒައިނަބު އަންސާރީގެ ހާދިސާއަށް އެއް މަސް ނުވެ އުޅެނިކޮށް އެގައުމުގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފިއެވެ.
ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ ކިއްލީ އިސްމާއިލް ސަރަހައްދުން އިއްޔެ 13 އަހަރުގެ އެ އަންހެން ކުއްޖާ ފެނުނީ އެއްލައިލައިފައި އޮއްވައެވެ. އޭރު އޭނާގެ ހޭ ވެސް ނެތެވެ. ފުލުހުން ހިންގި ތަހުގީގުތަކުން ވަނީ އެ ކުއްޖާ ރޭޕްކޮށްފައިވާ ކަން ވެސް ދެނެގަނެވިފައެވެ.
އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފައެވެ.
ފުލުހުން ކުރި ތަހުގީގުތަކަށް ފަހު އަންހެން ކުއްޖާގެ ބޭބެ ވަނީ އެ އަމަލު ހިންގި ކަމަށް އެއްބަސްވެފައެވެ.
އަންހެން ކުއްޖާގެ މަރުގެ ތަހުގީގު ހިންގި އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހުންނެވި ނަސީބުއްލާ ވިދާޅުވީ އަންހެން ކުއްޖާގެ ބޭބެގެ ޑީއެންއޭ ދިވާވޭތޯ ޔަގީންކުރުމަށް ޕާކިސްތާނުގެ ލާހޯރަށް ފޮނުވާނެ ކަމަށެވެ. އަދި މަރާ ބެހޭ އިތުރު ތަހުގީގުތަށް ކުރިއަށްދާ ކަމަށްވެސް ނަސީބުއްލާ ވިދާޅުވިއެވެ.
ޒައިނަބްގެ މަރަށް ފަހު ޕާކިސްތާނުގައި ރޭޕްގެ މައްސަލަތައް ރިޕޯޓްކުރުން ވަނީ އިތުރުވެފައެވެ. ޕާކިސްތާނުގައި ރޭޕްގެ މައްސަލަތައް ގިނަ ފަހަރު ރިޕޯޓެއް ނުކުރެއެވެ.
މަސްދަރު: އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން