17 Aug 2011, 15:53
ބްރެޒިލްގެ ޒުވާން ތަރިން ކަމަށްވާ ނޭމާ އާއި ގަންސޯ އަދި ލޫކަސް ބްރެޒިލް ދޫކޮށް ޔޫރަޕްގެ ކްލަބުތަކަށް ދާންވެއްޖެ ކަމަށް އެގައުމުގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ.
ބްރެޒިލްގެ ސައޯ ޕައޮލޯއަށް ކުޅެމުން އަންނަ އުމުރުން 39 އަހަރުގެ ރިވާލްޑޯ ބުނެފައިވާ ގޮތުގައި 2010 ވަނަ ވޯލްޑްކަޕްގެ ކުރިން އެގައުމުގެ ޒުވާން ތަރިން ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ލޯބި ހޯދަން ވެއްޖެ ކަމަށެވެ. ބްރެޒިލް ޓީމަށް އެންމެ ފަހުގެ ވޯލްޑްކަޕާއި ކޮޕާ އެމެރިކާ މުބާރާތުގައި ވެސް މާއެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.
"ނޭމާ އާއި ގަންސޯ އަދި ލޫކަސް ވީހާވެސް އަވަހަކަށް ޔޫރަޕްގެ ބޮޑު ކްލަބަކަށް ދާންވެއްޖެ ކަމަށް ބެލެވޭ. އެކުޅުންތެރިން ދުނިޔޭގެ މަގްބޫލުކަން ހޯދައި ބޮޑެތި ކްލަބުތަކުގެ ލޯބި ހޯދަންވެއްޖެ. ބްރެޒިލްގައި ކުޅުމާ ޔޫރަޕްގައި ކުޅުމާ ވަރަށް ތަފާތުވާނެ. ވޯލްޑްކަޕްގެ ކުރިން އެމީހުން ތަޖުރިބާ ހޯދަންވެއްޖެ." ރިވާލްޑޯ ބުންޏެވެ.
ބްރެޒިލްގެ މިތިން ޒުވާން ކުޅުންތެރިން ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ބަދަލުވެއްޖެނަމަ އެކުޅުންތެރިންގެ ކުޅުން އެންމެ މަތީ ފެންވަރުގައި ފެނިގެންދާނެ ކަމަށްވެސް ރިވާލްޑޯ ބުންޏެވެ.
"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުމަށް އެކުޅުންތެރިން އަތުގައި ހުރިހާ ހުނަރުތަކެއް އެބަހުރި. ބްރެޒިލްގައި އެމީހުން ދައްކަމުންއައި 80% ކުޅުން ޔޫރަޕްގައި ދައްކައިގެން އެމީހުންނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރެވޭނެ." ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ މިހެން ބުނެފައި މިވަނީ ނޭމާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ބްރެޒިލްގައި ހުރެވެސް ހޯދާނެ ކަމަށް ބުނެފައިވަނިކޮށެވެ.