30 Jan 2018, 09:09
ޕިޔޮންގްޔޭންގް(29 ޖެނުއަރި): އެފްރިކާގެ ގައުމުތަކުން މިލިޓަރީ އަދި ޑިޕްލޮމެޓިކްގޮތުން އުތުރު ކޮރެއާއާ އޮންނަ ގުޅުން ކަނޑާލުމަށް އެމެރިކާއިން ބާރު އަޅަން ފަށައިފިއެވެ.
އެމެރިކާއިން ބުނިގޮތުގައި އުތުުރު ކޮރެއާއިން މަސައްކަތްކުރަނީ އެމެރިކާގެ ގިނަ ސިޓީތައް ހަލާކުކޮށްލެވޭނެ ނިއުކުލިއާ މިސައިލްތައް އުފައްދަން ކަމަށާއި އަދި އެ މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭރު ފައިސާ ހޯދުމަށް އުތުުރު ކޮރެއާއިން ދަނީ އެފްރިކާގެެ ގައުމުތަކާ ގުޅުންތައް ބާއްވަމުންނެވެ.
އެމެރިކާއިން ވަނީ އެފްރިކާގައި ހަރަކާތްތެރިވާ އުތުރު ކޮރެއާގެ ޑިިޕްލޮމެޓުން ބޭރު ފައިސާ ހޯދުމުގެ ގޮތުން ހިމާޔަތް ކޮށްފައިވާ ރައިނޯ ފަދަ ޖަނަވާރުތައް ސްމަގަލް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވީ އުުތުރު ކޮރެއާއިން ހަތިޔާރުވިއްކުމުގެ އިތުރުން، އަސްކަރީ ތަމްރީން ދިނުމާއި އަދި ވަގު ވިޔަފާރިތައް ކޮށްގެން 100 މިލިއަން ޑޮލަރު އަހަރުކު ހޯދާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އދ.ގެ އެކްސްޕާޓުން ހިމެނޭ ޕެނަލަކުން ވަނީ އެފްރިކާގެެ 11 ގައުމެއް އުތުރު ކޮރެއާއާ އަސްކަރީ ގޮތުން ގުޅުންތައް ބާއްވާ ކަމަށް ބުނެފައެވެ. އެ ގައުމުތަކުގެ ތެރޭގައި އެންގޯލާ، ބެނިން، ބޮޓްސްވާނާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އެރިތުރިއާ، މާލީ، މޮޒަމްބީކް، ނެމީބިއާ، ޓެންޒޭނިއާ، ޔޫގެންޑާ، އަދި ޒިމްބާބުވޭ ހިމެނެއެވެ.
އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ސޫދާނާއި އަދި ނެމީބިއާއިން ވަނީ އުތުރުކޮރެއާއާ އޮންނަ ގުޅުންތައް ކަނޑާލައިފައެވެ. ނަމަވެސް އެފްރިކާގެ ގިނަ ގައުމުތަކުން އެމެރިކާގެ ފިއްތުންތަކަށް މާބޮޑަށް އިޖާބު ދީފައެއް ނުވެއެވެ.
އެންގޯލާ، މޮޒަމްބީކް އަދި ޒިމްބާބުވޭ ފަދަ އެފްރިކާގެ ގައުމުތަކުން ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އުތުރުކޮރެއާއާ ދަނީ ގުޅުންތައް ބާއްވަމުންނެވެ.
މަސްދަރު:ފައިނޭންޝިއަލް ޓައިމްސް