29 Jan 2018, 19:46
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސް ކްލަބަށް އިޓަލީގެ ކީޕަރެއް ގެންނަން ނިންމައިފިއެވެ.
މާޒިޔާގެ ފަރާތުން 'ސަން ސްޕޯޓްސް' އަށް ޔަގީންކޮށްދީފައިވަނީ މިފެށީ ސީޒަނަށް ގެންނަ ކީޕަރަކީ އުމުރުން 28 އަހަރުގެ މައުރޯ ބޮއޭޗިއޯ ކަމަށެވެ.
މައުރޯ ބޮއޭޗިއޯއަކީ އޭނާގެ ޔޫތު ކެރިއާ އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ކުޅުނު ބައެއް ކްލަބުތަކުގައިވެސް ހޭދަކޮށްފައިވާ ކީޕަރެކެވެ. އިސްކޮޅުގައި ހަ ފޫޓް ހަ އިންޗި ހުންނަ މައުރޯ ބޮއޭޗިއޯވަނީ ސެރެއާ އޭއަށް ކުޅުނު ބާރީގެ އެކަޑެމީއަށް ކުޅުމުގެ އިތުރުން އެ ކްލަބުގެ 2010-11 ވަނަ އަހަރުގެ ސެރެއާ އޭ ކުޅުނު ސްކޮޑުގައިވެސް ހިމެނިފައެވެ.

މާޒިޔާއިން އަންނަ ސީޒަނަށް ގެންނަން ނިންމާފައިވާ ކީޕަރު މައުރޯ ބޮއޭޗިއޯ --- ފޮޓޯ/ މީސް މީޑިއާ
އިޓަލީގެ ތިންވަނަ ޑިވިޝަންގައި މިހާރު ކުޅެމުން އަންނަ ސަވޯނާ އެފްބީސީގައި ސީޒަނެއް ހޭދަކުރި މައުރޯ ބޮއޭޗިއޯވަނީ އޯޝެނިއާގެ ވަނުއާޓާގެ ފުރަތަމަ ޑިވިޝަނަށްވެސް ކުޅެފައެވެ. އަދި މިދިޔަ ސީޒަންގައި މައުރޯ ބޮއޭޗިއޯ ކުޅެފައިވަނީ މާލްޓާގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޒީރާ ޔުނައިޓެޑް އެފްސީއަށެވެ.
މައުރޯ ބޮއޭޗިއޯގެ އިތުރުން އަދި އިތުރު ބިދޭސީ ކުޅުންތެރިން މާޒިޔާއިން ފެންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުންވެސް މާޒިޔާއިންވަނީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ލޯކަލް ޓްރާންސްފާ ތަކެއްވެސް ކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއިން ފެނިގެންދިޔަ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުން ޓީސީގެ ތަރި ނާއިޒް ހަސަން (ދާދު) ވެސް އަންނަ ސީޒަންގައި ފެންނާނީ މާޒިޔާއިންނެވެ. މީގެ އިތުރުންވެސް އީގަލްސްގެ ފަހަތުން މިދިޔަ ސީޒަންގައި ފެނިގެންދިޔަ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)އާއި ނިއުރޭޑިއަންޓަށް ކުޅުނު ފާރޫގް އިސްމާއީލްވެސް މި ސީޒަންގައި ފެނިގެންދާނީ އެންމެ ފަހުގެ މާލޭ ލީގު ޗެމްޕިއަން މާޒިޔާއިންނެވެ.
މާޒިޔާގެ ކެޕްޓަން އަސްދުﷲ އަބްދުﷲގެ ކޮންޓްރެކްޓް އައުކޮށްފައިވާއިރު، މާޒިޔާއިންވަނީ އަތޮޅު ފުޓުބޯޅައިގައި މަޝްހޫރު އާދަމް ނާސިހު (އާދަންނާ)ވެސް އެޓީމަށް ގެނެސްފައެވެ.