ރާއްޖޭގެ ދަނޑުގައި ޓީސީ ބަލިކުރެވޭނެ ކަމަށާއި، ފުރަތަމަ ލެގުގައި ދިމާވި މައްސަލައަކީ ގޯލް ނުޖެހުން ކަމަށް ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗު ރަޔަން ނޯތުމޯ ބުނެފިއެވެ.

ނޯތުމޯ މިހެން ބުނެފައިވަނީ މިރޭ އޮންނަ އޭއެފްސީ ކަޕުގެ ޕްލިރިމިނަރީ ބުރުގެ ދެވަނަ ލެގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. ބަނގުލަދޭޝްގައި ކުޅުނު މެޗުގެ ނަތީޖާ ގޯސް ނަމަވެސް ޓީމުގެ ފަރާތުން ފެނުނު ކުޅުމަކީ ރަނގަޅު ކުޅުމެއް. ޓީސީ ރާއްޖޭގައި ބަލިކުރެވޭނެ،" މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނޯތުމޯ ބުންޏެވެ.

ނޯތުމޯ ބުނީ ކުރިން މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުން ކަމަށެވެ.

"ވިސްނާނީ ކުރިން މެޗުގައިވެސް ކުޅުނު ގޮތަށް ކުޅެން. އެކަމަކު ގޯލް ކުރިމައްޗަށް އަންނަ ބޯޅަތައް ނިންމާލަން އެބަޖެހޭ. އެކަންތައް ނަގާނަން ކުރީ މެޗުން ލިބުނު ވަރަށް ހާއްސަ އިބުރަތެއްގެ ގޮތުގައި. ނިންމާލެވިއްޖެ ނަމަ ސައިފްއަށް މޮޅުވެވޭނެ. ޓީސީއަކީ ވަރުގަދަ ޓީމެއް. ޓީސީއަށް ފުރިހަމައަށް އިހުތިރާމްކުރަން. އެހެން ނަމަވެސް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ބަލިކުރެވޭނެ ކަމަށް،" ނޯތުމޯ ބުންޏެވެ.

ނޯތުމޯ ބުނީ ރާއްޖޭގެ ފުޓުބޯޅަ ދަނީ ކުރިއަރަމުން ކަމަށާއި، ރާއްޖޭގައި ދެކުނު އޭޝިއާ ލެވެލްގެ ވަރުގަދަ ކްލަބުތަކެއްވެސް އެބައޮތް ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިންވެސް އެބަތިބި ކަމަށާއި، ކްލަބާއި ގައުމީ ޓީމުގައިވެސް އެ ކުޅުންތެރިން ފާހަގަކޮށްލެވޭ ކަމަށް އިނގިރޭސި ވިލާތަށް ނިސްބަތްބާ ކޯޗު، ނޯތުމޯ ބުންޏެވެ. ސައިފް އެސްސީން ނުކުންނާނީ އެ ޗެލެންޖް ގަބޫލުކޮށް، އެ ޗެލެންޖަށް ކުރިމަތިލުމަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ސައިފް އެސްސީގެ ފޯވާޑް ހެމްބާ އާލޭ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ މީސް މީޑިއާ

ސައިފް ސްޕޯޓިންގެ ކޯޗުގެ އިތުރުން ކެޕްޓަން ޖަމާލް ބުޔާން ވެސް ބުނެފައިވަނީ ބަނގުލަދޭޝްގެ ބޮޑު އާބާދީއެއް ރާއްޖޭގައި އުޅޭ ކަމަށާއި، އުންމީދުކުރަނީ އަވޭ މެޗެއް ނަމަވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ސައިފް ސްޕޯޓްސްއަށް ހިތްވަރުދޭނެ ކަމަށް ކަމަށެވެ.

ނޯތުމޯ އިތުރަށް ބުނީ ސައިފް ސްޕޯޓިންއަކީ މި މެޗަށް ނުކުންނައިރު ފޭވަރިޓުން ނޫން ކަމަށާއި، އަދި 'އަންޑާ ޑޯގްސް" ވެސް ނޫން ކަމަށެވެ. މެޗުގައި ވިސްނާނީ ޓީމުގެ ފަރާތުން ދޭ ޕާފޯމަންސް ރަނގަޅު ކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ސައިފް ސްޕޯޓިން ޓީމުގެ ގިނަ ކުޅުންތެރިންނަކީ މިސީޒަނުގައި އެޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ލޯންގެ ދަށުން ޗިޓަގޮން އަބަހާނީއިން އެޓީމަށް ގެނައި ކުޅުންތެރިންތަކެއް ފާހަގަކޮށްލެވެއެވެ. އެކަމާ ގުޅޭގޮތުން ކޯޗު ނޯތުމޯ ބުނީ އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށެވެ. އެއާއެކު ނޯތުމޯ ވަނީ ޓީސީގެ ބިދޭސީ ކުޅުންތެރިންގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ކެޕްޓަން ޖަމާލް ބުޔާން އިތުރަށް ބުނީ ބަންގްލަދޭޝްއިން ކުރި ދަތުރު ދިގު ނަމަވެސް ކުޅުންތެރިން މެޗަށް ވަރަށް ބޮޑަށް ތައްޔާރު ކަމަށާއި، ނަތީޖާ ނެރެން ފޯކަސް ކުރާނެ ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ޓީސީއާއި ސައިފް އެސްސީ ބަންގާޅުގައި ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ރާއްޖޭގައި ކުޅޭ ދެވަނަ ލެގު އޮންނާނީ މިރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.