ފިލްމީ ތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ހަދާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް" ގެ ޝޫޓިން އަށް ފުރައިފިއެވެ.

"ސަން" އާ ވަހަކަ ދައްކަމުން ޒިޔާ ބުނީ އެ ފިލްމަކީ ކުޑަކުދިންނަށް ހާއްސަ ފިލްމެއް ކަމަށާއި ފިލްމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާއެވެ. ޒިޔާގެ ކެރެކްޓާ އަކީ "ވަސްވާސް" ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ހާޢްސަ ވާނެ ކަމަށް ޒިޔާ ބުންޏެވެ.

ކުޅުދުއްފުށީގައި ޝޫޓް ކުރާ އެ ފިލްމުގެ އެހެން ރޯލުތަކުން ފެންނާނީ ކުޅުދުއްފުށީ ކުދިންނެވެ. އެގޮތަށް ނިންމީ އާ މީހުންނަށް ފިލްމީ ދާއިރާއިން ފުރުސަތު ދިނުމަށް ކަމަށް ޒިޔާ ބުންޏެވެ.

"ޝޫޓް ކުރެވޭ ވަރަކުން އެޑިޓް ކުރަންވެސް ތައްޔާރުވެގެން މި ފުރަނީ." ޒިޔާ ބުންޏެވެ.

"މޭކަޕް އަށްވެސް އެކޮޅުން ކުއްޖަކު ހަމަޖައްސާފަ ހުންނާނީ،"

އަމިއްލަ ރާގުގެ އެއް ލަވަ ހިމެނޭ މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ކުޅުދުއްފުށީގައެވެ. މިއީ ކޮޕީ މުހައްމަދު ރަޝީދުގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ކެމެރާމަނަކީ ދަބާއެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްސެ އާއި ޒިޔާގެ އިތުރުން ލަވަ ކިޔުމުގެ ދާއިރާއިން އަރަމުން އަންނަ ތަރި ރިފްއަތު އެވެ. މިއީ ރިފްއަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށްވާއިރު ފިލްމު ނެރޭނީ އިއްސެ އާއި ޒިޔާ އެކުވެގެން ހަދާފައިވާ ޕްރޮޑަކްޝަން ހައުސްއެއްގެ ކުޑައިގެ ދަށުންނެވެ.