ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ކުނި ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެ، އެކެއްގެ އަރިކަށީގެ ބައެއް ކަށިތައް ބިނދުނު މައްސަލާގައި ފުލުހުން ހައްޔަރު ކުރި ލޮރީގެ ޑްރައިވަރު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހައްޔަރުކުރި ލޮރީ ދުއްވަން އިން ދިވެހި މީހާ މީހާ ދޫކޮށްލީ ކޯޓުން ކަމަށެވެ. އަދި އޭނާ ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް ކޯޓަށް ނުފެންނާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހްގީގަށް ހައްޔަރުކުރި މީހާ ދޫކޮށްލި ނަމަވެސް އަދި ވެސް އެމައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓް ހިނގީ ކުނި ލޮރީ އާއި ސައިކަލް އެއްކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށާއި މިހާތަނަށް ބެލިބެލުމުން އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ އެކްސިޑެންޓްގައި މަރުވި ތ. ގުރައިދޫ، ބާޑީގެ އަހުމަދު ނަސީރު 41، ދުއްވި ސައިކަލް ކުނި ލޮރީން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓްގައި އަރިކަށީގެ ކަށިތައް ބިނދުނު މއ. ކާމިނީގޭ ހުޅަނގުބައި މުހައްމަދު ޝަރަތު 42، ވަނީ އިތުރަށް ފަރުވާދިނުމަށް ސިންގަޕޫރަށް ގެންގޮސްފަ އެވެ.