24 May 2010, 16:06
19:00
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގަނޭޝަން ސުބްރަމާނިއަމްއާ ގުޅޭ މައްސަލައެއް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައިފައި ވަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ކުއްލި ގޮތަކަށް ރާއްޖެއިން ފުރާވަޑައިގެންފި އެވެ.
މިދިޔަ އަހަރު ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ސުބްރަމާނިއަމް ކުއްލި ގޮތަކަށް މި ފުރުއްވީ ބޭންކުގެ އަންހެން މުވައްޒަފަކާއި އޭނާއާ ބެހޭ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
އެކަމާ ބެހޭ ގޮތުން ސަން އެފްއެމުން ގުޅުމުން ބީއެމްއެލްގެ އިސް މެނޭޖަރެއް ކަމަށްވާ ފާތުމާ މަނިކެ ދެންމެ ވިދާޅުވީ، ތަފްސީލް ނޫސް ބަޔާނެއް ތައްޔާރުކުރެވި، މީޑިއާ އަށް އާންމުކުރުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށްދާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ ނޫސްބަޔާން ވަނީ ސަން އެފްއެމަށް ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް އުޅޭތޯ ބެލުމަށް ބައެއް އެހެން ފަރާތްތަކުން ވެސް އެދިފައިވާ ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ އެފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން ބަލަމުންނުދާ ކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.