ކަސްގަންޖް (ޖެނުއަރީ 29): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި އޮންނަ ކަސްގަންޖުގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން 112 މީހަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ކަސްގަންޖުގައި އެހަމަނުޖެހުންތައް ފެށުނީ އެގައުމުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ސައިކަލު ބުރެއްގެ ތެރެއިންނެވެ. އެގޮތުން އެސައިކަލު ބުރުގައި ހިންދޫ ދީނުގެ ދިދަ ހިފައިގެން ތިބި ބަޔަކު ތިބި ކަމަށާއި، އެމީހުންނާއި އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނާ ދެބަސްވުން އުފެދުނީ ކަމަށް އެންޑީޓީން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެދެބަސްވުން އުފެދުނު ފަހުން ދެ ފަރާތުން ވަނީ ގާ އުކައި ބަޑި ޖަހަން ވެސް ފަށާފައި އެވެ. އޭގެ ސަބަބުން އެހަމަނުޖެހުންތަކުގައި 22 އަހަރުގެ މީހަކު މަރުވެފައިވާ އިރު، ހޮނިހިރު ދުވަހު އޭނާގެ ޖަނާޒާއަށް ފަހު ގިނަ އަދަދެއްގެ މީހުން ވަނީ އަނެއްކާވެސް ހަމަނުޖެހުން ހިންގާފައި އެވެ. އެހަަމަނުޖެހުންތަކުގައި ބަޔަކު ވަނީ އުޅަނދުތަކާއި މުސްލިމުން ހިންގާ ފިހާރަތަކުގައި ރޯކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުން ވަނީ މިހާރު ހަމަނުޖެހުންތައް ހުއްޓާފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައި އެވެ. (އެންޑީޓީވީ)