ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ ކެފޭ އައުޓްލެޓުތައް ގެނައުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޝްހޫރު ބްރޭންޑުތަކުގެ ކެފޭ އައުޓްލެޓު ހިންގުމަށް، ހުޅުލޭގެ ވޯޓާފްރަންޓުގައި ވަނީ ޚާއްސަ އިމާރާތެއް ތަރައްގީކޮށްފައެވެ.

ވެލާނާ އެއާޕޯޓަށް ގެންނަން ހަމަޖެހިފައިވާ ބްރޭންޑުތަކަކީ ކޭއެފްސީ، ޕިއްޒާހަޓް، ދުނިޔޭގެ ދެވަނައަށް އެންމެ މަޝްހޫރު ކޮފީޗެއިން "ކޮސްޓާ ކޮފީ"، އަދި ހާވެސްޓް މާކެޓެވެ.

މި ބްރޭންޑުތައް ރާއްޖޭގައި ގާއިމުކުރުމަށް ހަވާލުކުރީ އެމެރިކާގެ އެއަޕޯޓު ފުޑް ސާވިސް ކުންފުނި، އެޗްއެމްއެސް ހޯސްޓަށެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާއާ، އެޗްއެމްއެސް ހޯސްޓު އިންޓަނޭޝަނަލްގެ ސީއީއޯ ވޮލްޓަރ ސެއިބްއެވެ.

އެޗްއެމްއެސް ހޮސްޓަކީ ދުނިޔޭގެ 120 އެއާޕޯޓެއްގައި ފްރެންޗައިސް އޮޕަރޭޝަންތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އާދިލް ވިދާޅުވީ، އެއާޕޯޓް ވޯޓާ ފްރަންޓްގައި ހަތް ފްރޭންޗައިޒް ބްރޭންޑް ހިންގަން ހަތް ސްލޮޓް ވާއިރު ބާކީ، ހަތަރު ސްލޮޓަށް ގެންނަ ބްރޭންޑް ތަކާމެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ވޯޓާ ފްރަންޓަށް ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރި ބްރޭންޑް ތަކުގެ އައުޓްލެޓްތަށް އެ ބްރޭންޑްތަކަށް މީހުން ތަމްރީން ކުރުމާއި ސްޓްރަކްޗަރަލް ބަދަލުތައް ގެނައުމަށްފަހުގައި ކުރިއަށްއޮތް ތިނެއް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

އެޗްއެސްއެމް ހޮސްޓް ކުންފުންޏަކީ ފްރޭންޗައިޒް ކުންފުނި ހިންގަން ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. އެ ކުންފުންޏަކީ މިދިޔަ އަހަރުވެސް އެ ވިޔަފާރީގައި 3.2 ބިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދައިފަވާ ކާމިޔާބު ކުންފުންޏެކެވެ.