17 Aug 2011, 15:05
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިގުތިސޯދީ ބިލުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެ ބިލުތައް ދިރާސާކުރަމުން އަންނަ ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާއޮޕަރޭޓާސް (މަޓާޓޯ) އަދި ދިވެހި ވިޔަފާރިންގެ ގައުމީ ޖަމްއިއްޔާ އިން ނިންމައިފި އެވެ.
ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާއަށް ތާއީދުކޮށް، މަޓާޓޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނަނީ ޓެކްސް ބިލްތަށް ބައްޓަންކުރަން ޖެހޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް ކަމަށެވެ. އަދި އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބިލްތަކުން އިންޑަސްޓްރީ އަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.
"...ބިލްތައް ފާސްވެގެންދާއިރު އެފަދަ ބިލްތަކުން ޓްރެވަލް އެޖެންސީތައް ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮށްފާނެ އަސަރު ދިރާސާކޮށް އެފަދަ އަސަރުތައް ވީހާ ވެސް ކުޑަވާނެ ގޮތަކަށް ބިލްތައް ފާސްވެގެން ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި މި ޖަމިއްޔާ އިން ދެކެމެވެ،" މަޓޯޓާގެ ބަޔާން ބުނެ އެވެ.
އެ ޖަމިއްޔާ އިން ހަރުދަނާ ފުރިހަމަ ޓެކްސް ނިޒާމަކަށް ތާއީދު ކުރާ ކަމަށާއި އެހެންނަމަވެސް، ދެކޮޅު ހަދަނީ ބޮޑެތި ޓެކްސްތަކެއް ކުއްލިއަކަށް ތައާރަފް ކުރުމާ މެދު ކަމަށް ވެސް އެޖަމްއިއްޔާ އިން ބުންޏެވެ.
"...މި ޖަމްއިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވާނީ ދުރާލާ އެނގުމެއްނެތި ޓެކްސް ނެގުމާ އެވެ. އަދި ޓެކްސް ނެގުމާ އެކު ޓެކްސްގެ ފައިސާ އިން މި ސިނާއަތް ކުރިއެރުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މުހިންމު ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
ޓެކްސް ރިފޯމް އާއި ގުޅިގެން ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ވެސް ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ޖަމްއިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ، އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ބިލުތަކުން ވިޔަފާރިތަކަށް ކުރާނެ އަސަރުތަކާއި އަދި އެކަމުން މުޅި އިގްތިސޯދަށް ކުރާނެ އަސަރު ދެނެގަތުމުގެ ދިރާސާއެއް އެ ޖަމިއްޔާ އިން މިހާރު ފަށާފައިވާ ކަމަށެވެ. އެ ރިޕޯޓް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެރެ އެރިޕޯޓް މަޖިލީހަށާއި ސަރުކާރަށް ހުށަހަޅާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ޕެކޭޖެއް ދެއްތޯ؟ އެހެންވީމާ މި މުޅިންއެއްކޮށް ދިރާސާކޮށް ރިޕޯޓެއް އެކުލަވާލައި އަޅުގަނޑުމެންގެ ސްޓޭންޑް އެކަމުގައި އޮތް ގޮތް އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާއެއް ތެރޭ އިއުލާން ކުރާނަން. އެއީ އަޅުގަނޑުމެން މަޖިލީހުގެ ކޮމެޓީގައި ހުރި ބިލްތަކަށް ވެސް ރެކޮމަންޑޭޝަން އެ ބަފޮނުވަން ޖެހޭ،" އަދީބު ވިދާޅުވި އެވެ.
އެ ޖަމްއިއްޔާގެ ދިރާސާގައި މަސައްކަތް ކުރެއްވުމަށާއި އަދި ވިޔަފާރި ވެރިންގެ ޖަމިއްޔާ އަށް ގާނޫނީ ލަފާދިނުމަށް މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވަނީ ކޯޕަރޭޓް ލޯޔަރެއްގެ ގޮތުގައި ވެސް ހަމަޖައްސައިފަ އެވެ.
އަލީ ހުސެއިން ވިދާޅުވީ ޓެކްސް އާއި އަދި އިގުތިސޯދީ ގޮތުން އަޅައި ފިޔަވަޅުތަށް އަޅަން ޖެހޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށެވެ. އަދި ވިޔަފާރިވެރިން ވެސް ޓެކްސް ނިޒާމަށް އަހުލުވެރިވާން ޖެހޭކަން އަލީ ހުސެއިން މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.
"ސައިކަލުގެ މަޑިދަށައް ލައިގެން ވިޔަފާރީގެ ލިޔުންތައް ގެންގުޅިގެން ވިޔަފާރިކުރިޒަމާން ހިގައްޖެ. ވިަޔފާރިވެރިން މިއަދު އެބަޖެހޭ މީރާއަށް ދައްކަން ޖެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓިފައި ހުންނަން. އެހެންނޫނީ އެކަން ވެގެން އެބަދޭ ގާނޫނީ ކުށަކަށް. މިކަންކަން އެބަޖެހޭ އަންގައިދޭން،" އަލީ ހުސެއިން ވިދާޅުވި އެވެ. "މިސާލަކަށް އިމްޕޯޓް ޑިއުޓީ ކަޑާލުމުގައި ވެސް ވަކި ބާވަތްތަކަކުން ޑީއުޓީ ކަޑާ ލުމުގައި ހިޔާލުތަފާތުވުން އެބަހުރި. އެއްޗެއް ކަނޑާލީމަވެސް އަޅުގަނޑުމެން އެބަޖެހޭ ގާނޫނުގެ ތެރެއިން އެކަން އޮތީ ކިހިނެތް ތޯބަލަން." އޭނާ އިތުރަށް ވިދާޅުވި އެވެ.