29 Jan 2018, 13:04
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފެށޭ ހަފްތާގެ ހޯމަ ދުވަހު ދަރުބާރުގޭގައި ބާއްވަން ތާވަލުކޮށްފިއެވެ.
ވޭތުވެދިޔަ އަހަރުވެސް ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގައެވެ.
މަޖިލީހުން މިއަދު ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު 10 ޖަހާއިރު ދަރުބާރުގޭގައި ކަމަށެވެ. އަދި ޖަލްސާގެ ތާވަލު ފަހުން އާންމު ކުރާނެ ކަމަށް މަޖިލީހުން ބުންޏެވެ.
އާންމުކޮށް ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށާއިރު މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑއަޅައިފައެވެ. އިލެކްޝަނުގެ އެ ނިންމުން ބަދަލުކުރުމަށް މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.