29 Jan 2018, 14:31
ބަތަލާ ޝްރުތީ ހާސަން އާއި އޭނާގެ ލޯބިވެރިޔާ މައިކަލް ކޯސޭލް މި އަހަރު ކައިވެނި ކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
'ރާމަޔާ ވަސްތަވައްޔާ' އަދި 'ބެހެން ހޯގީ ތޭރީ' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަތަލާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ލަންޑަންގައި ދިރިއުޅޭ، އިޓަލީއަށް އުފަން އެކްޓަރަކާ އެވެ.
ޝްރުތީ އަކީ މީޑިއާ އާ ވަރަށް ރައްޓެހި އަދި އަނގަ ގަދަ ފަންނާނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މީހެކެވެ. ނަމަވެސް ލޯބިވެރިޔާ އާ ދެމީހުންގެ ވާހަކަ އެއީ އެއްވެސް ވަރަކަށް އޭނާ ދައްކާ ވާހަކައެއް ނޫނެވެ.
ދެމީހުން ގުޅިގެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ކައިވެނި ކުރަން އުޅޭކަމަށް ޚަބަރުތައް ފެތުރިފައި ވަނީ ޝްރުތީ ވަރަށް ބޮޑަށް ފިލްމީ ދާއިރާއާ ދުރުވެ، ޕްރޮޖެކްޓުތަކަށް ނޫނެކޭ ބުނަމުން ދާތީ އެވެ.
އަދި ޝްރުތީގެ އާއިލާ އާއެކު މައިކަލް ވަގުތު ހޭދަކުރަން ފެށުން ވެސް ވެގެން ގޮސްފައި ވަނީ ވާހަކަތައް ގަދަވި ސަބަބަކަށެވެ.
ނަމަވެސް ޝްރުތީ ބުނީ އޭނާ އަކީ ކައިވެންޏާ ހަމައިން މަސައްކަތް ކުރުން ހުއްޓާލާނެ މީހެއް ނޫން ކަމަށެވެ. އަދި އެ ވިސްނުމުގެ މީހުން މިހާރު ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޔަގީންކޮށްދޭން ބޭނުން އަހަރެން މި އަހަރު ކައިވެނި ކުރަން ނޫޅޭކަން. އެކަމަކު އަހަންނަކީ ޕްރޮފެޝަނަލް އަދި ޕާސަނަލް ދިރިއުޅުން ބެލެންސް ކޮށްގެން އުޅޭ މީހެއް. އެހެންވީމަ ކައިވެންޏަށް ފަހު ވެސް އަހަރެން ފިލްމުތަކުން ފެނިގެން ދާނެ،" ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުންޏެވެ.
ޝްރުތީ ބުނީ އޭނާ އާއި މައިކަލްގެ ގުޅުމަކީ އެއްވެސް މީހަކަށް ސިއްރު ގުޅުމެއް ނޫން ކަމަށާއި، ނަމަވެސް ދެމީހުންގެ ގުޅުމާ ބެހޭ އިތުރު ވާހަކަތަކެއް ހިއްސާ ކުރަން ބޭނުން ނޫން ކަމަށެވެ.