ސްޕެނިޝް ލަލީގާގައި އަލަވޭސްއާ ދެކޮޅަށް ކުޅެ، ބާސެލޯނާ މޮޅުވި މެޗަށްފަހު ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯއަށް އެ ކްލަބުގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ތައުރީފުކޮށްފިއެވެ.

ކޮޕާ ޑެލްރޭގައި މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޓީނިއޯ ފެނިގެންދިޔަ ނަމަވެސް، ލަލީގާގައި ރޭ އަލްވޭސް އަތުން 2-1 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގެ ފުރަތަމަ 11އިން ކުޓީނިއޯ ފެނިގެންދިޔައެވެ. އެއީ ބާސާގެ ފުރަތަމަ 11އިން އޭނާ ފެނިގެންދިޔަ ފުރަތަމަ މެޗެވެ. އަދި ބާސާގެ ޓީމަށް އޭނާ ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗުގައި ކުޓީނިއޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައި ނުވާތީ އޭނާއަށް ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައެވެ.

ދާދި ފަހުން ލިވަޕޫލުން 160 މިލިއަން ޔޫރޯގެ އަގަކަށް ބާސާއާ ގުޅުނު ކުޓީނިއޯ، އެ ޓީމުގެ ފުރަތަމަ 11ގައި ރޭ ހިމެނުނު ނަމަވެސް، މެޗުގެ 66 ވަނަ މިނެޓުގައި ވަނީ ބާލައިފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޕަކޯ އަލެސެޔާއެވެ.

"ކޭމްޕް ނޯގައި ކުޅޭ ފުރަތަަމ ލީގު މެޗަކީ އުނދަގޫ މެޗަކަށް ވާނެ. ކުޓީނިއޯއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މެޗު ތެރެއަށް ވަނުމަށް އޭނާ މަސައްކަތްކުރި. އަދި ޓީމުވެސް އޭނާ ދިން އެހީތެރިކަމަށް އުފާކުރޭ،" ކުޓީނިއޯއާ ގުޅޭގޮތުން ވާހަކަދައްކަމުން ސުއަރޭޒް ބުންޏެވެ.

ރޭގެ މެޗުގެ 23 ވަނަ މިނެޓުގައި އަލަވޭސްއަށް ޖޯން ގުއިޑެއްޓީ ލީޑު ހޯދައިދިން ނަމަވެސް، ބާސާއިން ވަނީ ފަހަތުން އަރައި ލީޑު ހޯދައިފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ބާސާއަށް ސުއަރޭޒް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ހިލޭ ޖެހުމަކުން ލީޑު ހޯދައިދިނީ އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.