ބަތަލާ ތަމަންނާ ބާޓިއާއަށް ފައިވާން ކިބައަކުން ހަމަލާ ދޭން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ ފިރިހެނަކު އިންޑިއާގެ ހިމްޔާތުނަގަރުން ހައްޔަރުކޮށްފި އެވެ.

ތަމަންނާއަށް ހަމަލާ ދޭން އުޅެފައި ވަނީ ގަހަނާ ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ތަމަންނާ އެވެ.

ތަމަންނާއަށް ފައިވާނަކުން ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހެކެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެފައި ވަނީ، ތަމަންނާ އާ ދިމާލަށް ފައިވާން ކިބަ އެއްލައިފައި ވަނީ އޭނާ ފިހާރަ އިން ނުކުމެގެން ދަނިކޮށް ކަމަށެވެ.

ނަމަވެސް ފައިވާން ކިބަ ތަމަންނާގެ ގަޔަށް އަމާޒުނުވެ ގޮސް ޖެހުނީ ފިހާރައިގެ މުވައްޒަފެއްގެ ގައިގައެވެ.

މައްސަލައިގައި ހައްޔަރުކޮށްފައި ހުރި މީހާ ބުނެފައި ވަނީ ފައިވާން ކިބަ އެއްލީ ތަމަންނާއަށް ހަމަލާ ދިނުމުގެ ގަސްދުގައި ނޫން ކަމަށެވެ. އަދި އެއީ ތަމަންނާ އާ ބައްދަލުކޮށްލުމުގެ ފުރުސަތު ފުލުހުން ނުދިނުމުން ހިތްހަމަނުޖެހިގެން ކުރެވުނު ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅީ ފައިވާނުން ޖެހުނު ފިހާރައިގެ މުވައްޒަފެވެ. އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

ތަމަންނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 'ބާހޫބަލީ'ގެ ދެ ފިލްމުގައި އޭނާ ކުޅެފައިވާ ރޯލުގެ ސަބަބުންނެވެ. ތަމަންނާ ވަނީ ތެލުގޫ، ތަމިލް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.