29 Jan 2018, 16:36
ޖީސީއީ އޯލެވެލް އިމްތިހާނަކީ ސާނަވީ ތައުލީމްގައި ކިޔެވި ތިން ވަރަކަށް އަހަރުގެ ބުރަ މަސައްކަތް ވަޒަންކޮށްލަން ލިބޭނެ މުހިއްމު އިމްތިހާނެވެ. ދަސްވި އެއްޗަކާއި ހާސިލް ކުރެވުނު ނަތީޖާ ފެންނާނީ އެ އިމްތިހާނުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވި އޯލެވެލް އިމްތިހާނުގައި ވެސް އަމިއްލަ ތައުލީމީ އިދާރާތައް ނުހިމަނައި 5257 ދަރިވަރަކު ވަނީ އިމްތިހާން ހަދައިފަ އެވެ. އެއީ މާލެއިން 1504 ދަރިވަރުންނާއި އަތޮޅު ތެރެއިން 3733 ދަރިވަރެކެވެ.
އިމްތިހާންގެ ނަތީޖާ މިހާރު ދަރިވަރުންނަށް ލިބިފައިވާއިރު ޖުމްލަ ގޮތެއްގައި ދަރިވަރުން ހޯދި ނަތީޖާ ރަނގަޅު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން 2016 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފަސް މާއްދާ ނުވަތަ ތިން މާއްދާގައި ބައިވެރިވެގެން ދަރިވަރުން ފާސްވި ނިސްބަތް ވެސް ވަނީ އިތުރުވެފައެވެ.
ސްކޫލްތަކުން ދަރިވަރުން ބައިވެރިވި އަދަދު ފެންނަ ޗާޓެއް --- ފޮޓޯ/ އެޑިއުކޭޝަން
އޯލެވެލް ފަސް މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާގައި ބައިވެރިވެގެން ދަރިވަރުން ފާސްވެފައިވާ ނިސްބަތަށް ބަލާއިރު 2016 ވަނަ އަހަރު 70 ޕަސެންޓް ދަރިވަރުން ފާސްވިއިރު މިދިޔަ އަހަރު އެ އަދަދު ވަނީ ހަތް ޕަސެންޓް އިތުރު ވެފައެވެ.
އަދި އޯލެވެލްގައި ބައިވެރި ހުރިހާ މާއްދާތަކުން ދަރިވަރުން ތިން މާއްދާއިން ފާސްވެފައިވާ ނިސްބަތް 2016 ވަނަ އަހަރު 79 ޕަސެންޓުގައި ހުރިއިރު މިދިޔަ އަހަރު އެ ނިސްބަތް ވަނީ 92.8 ޕަސެންޓަށް އިތުރު ވެފައެވެ. އެއީ 13.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
ނަމަވެސް އޯލެވެލް އިމްތިހާނުގެ އެހެން މާއްދާތަކާ އަޅާ ބަލާއިރު، އިސްލާމާއި ދިވެހި މާއްދާއިން ދަރިވަރުން ހޯދާ ނަތީޖާ ދަށް ކަމުގެ ޝަކުވާ މިއަހަރު ވެސް ކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވެސް ވިދާޅުވީ، 2016 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު އިސްލާމާއި ދިވެހި މާއްދާގެ ނަތީޖާ ދަށް ކަމަށެވެ.
ދަރިވަރުން ބައިވެރިވި މާއްދާތަކަށް ގުރޭޑް ލިބުނު ގޮތުގެ ޗާޓެއް --- ފޮޓޯ/ އެޑިއުކޭޝަން
މިދިޔަ އަހަރު މަޖުބޫރު މާއްދާތަކުގެ ނަތީޖާ
އިސްލާމް: 2016އާ އަޅާބަލާއިރު 4.13 ޕަސެންޓް ދަށް
- ދިވެހި: 2016އާ އަޅާބަލާއިރު 0.42 ޕަސެންޓުގެ ދަށް
- އިނގިރޭސި: 2016އާ އަޅާބަލާއިރު 2.42 ޕަސެންޓުގެ ކުރިއެރުމެއް
- ހިސާބު: 2016އާ އަޅާބަލާއިރު 0.27 ޕަސެންޓުގެ ކުރިއެރުމެއް
އިސްލާމާއި ދިވެހީގެ އިތުރުން މިދިޔަ އަހަރު ކެމިސްޓްރީ އަދި އެކައުންޓްސްގެ ނަތީޖާ ވެސް ވަނީ ދަށްވެފައެވެ. އެކައުންޓްސް އަކީ މިދިޔަ އަހަރު އެންމެ ދަށް ނަތީޖާއެއް ލިބުނު މާއްދާ އެވެ.
ސައިންސް ސްޓްރީމްގެ މާއްދާތައް:
ފިޒިކްސް: 2016އާ އަޅާބަލާއިރު 0.41 ޕަސެންޓުގެ ކުރިއެރުމެއް
- ކެމިސްޓްރީ: 2016އާ އަޅާބަލާއިރު 3.88 ޕަސެންޓުގެ ދަށްވުމެއް
- ބަޔޮލޮޖީ: 2016އާ އަޅާބަލާއިރު 1.75 ޕަސެންޓުގެ ކުރިއެރުމެއް
ބިޒްނަސް ސްޓްރީމުގެ މާއްދާތައް:
އެކޮނޮމިކްސް: 2016އާ އަޅާބަލާއިރު 17.7 ޕަސެންޓުގެ ކުރިއެރުމެއް
- ކޮމާސް: 2016އާ އަޅާބަލާއިރު 15.3 ޕަސެންޓުގެ ކުރިއެރުމެއް
- އެކައުންޓްސް: 2016އާ އަޅާބަލާއިރު 11 ޕަސެންޓުގެ ދަށްވުމެއް
- ބިޒްނަސް ސްޓަޑީސް: 2016އާ އަޅާބަލާއިރު 1.54 ޕަސެންޓުގެ ކުރިއެރުމެއް
ވަކިވަކި މާއްދާތަކުން ކުރިއެރުން އައިސްފައިވާ ގޮތް --- ފޮޓޯ/ އެޑިއުކޭޝަން
މިދިޔަ އަހަރު ހެދި އޯލެވެލްގެ ގަދަ 10 ހޮވާ އުސޫލަށް މިދިޔަ އަހަރުން ފެށިގެން ބަދަލުތަކެއް އައި ނަމަވެސް އެ އިމްތިހާނުގެ ގަދަ10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު އަދި ނޭނގެ އެވެ.
ގަދަ 10 ހޮވާ އުސޫލަށް ގެނައި ބަދަލަކީ އޭ ސްޓާ އާއި އޭ އަަށް ވަކިން މާކްސް ދޭން ފެށުމެވެ. އެއާއެކު އޯ ލެވެލް ގެ އެއް ވަނަ ދެން ލިބޭނީ އަށް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށެވެ.