މިއަހަރުގެ އޭޕްރީލް މަހުގެ 18 އިން 20 އަށް ސައުތުއެފްރިކާގެ ކޭޕް ޓައުންގައި ބާއްވާ ޑަބްލިއުޓީއެމް ސައުތުއެފްރިކާގައި ބައިވެރިވާން ފީލް އިންވެސްޓްމެންޓުން ނިންމައިފިއެވެ.

ފީލް އިންވެސްޓްމެންޓުގެ ސީއީއޯ ހަސަން ލަބީ ވިދާޅުވީ މި އެގްޒިބިޝަންގައި ބައިވެރިވުމަށް އެކުންފުނިން ނިންމީ ސައުތު އެފްރިކާގައި ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އެމްއެމްޕީއާރްސީ އިން މިއަހަރު ބައިވެރިވާ ފެއާ ތަކުގެ ތެރޭގައި ޑަބްލިއުޓީއެމް އެފްރިކާ ނުހިމެނޭތީ، އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ސައުތު އެފްރިކާއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާ ކަމުގެ ފެހި ސިގްނަލް ދީފައިވާތީ މި ފެއާގައި ބައިވެރިވާން އަޅުގަނޑުމެން ނިންމީ،" އޭނާ ވިދާޅުވިއެވެ.

ލަބީ ވިދާޅުވީ މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އެފްރިކާގައި އިތުރަށް އިސްތިހާރު ކުރެވި އެ ބައްރުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިއުމަކީ އުއްމީދު ކަމަށެވެ.

މިފަހަރުގެ ޑަބްލިއުޓީއެމް އެފްރިކާގައި ބައިވެރިވުމުގެ ފުރުސަތު 14 ރިސޯޓަކަށް ދޭން ފީލް އިންވެސްޓްމެންޓުން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ގެސްޓްހައުސްތަކަށް ދޭ ހާއްސަ ފުރުސަތެއްގެ ދަށުން ޑަބްލިއު ޓީއެމްގައި ގެސްޓްހައުސްތައް ހިލޭ އިސްތިހާރުކޮށްދޭން ވަނީ ނިންމައިފައެވެ. ގެސްޓްހައުސްތަކާއި ލިވަބޯޑުތަކަށް ހާއްސަ ޕެކޭޖެއްގެ ދަށުން މިފެއާގައި ބަައިވެރިވާން ނަގާނީ 500 ޑޮލަރެވެ. ރިސޯޓުތަކަށް 5000 ޑޮލަރެވެ.

މި ފެއާގައި ފީލް އިންވެސްޓްމެންޓުން ރާއްޖެ އިސްތިހާރު ކުރާނީ ފީލް މޯލްޑިވްސްގެ ނަމުގައެވެ.

"މިފަހަރުގެ ފެއާގެ އެކްސްޕީރިއަންސް އަށް ބަލާ، އަންނަ އަހަރުގެ އެގްޒެބިޝަނުން ގިނަ ބަޔަކަށް ފުރުސަތު ދޭނަން،" ލަބީ ވިދާޅުވިއެވެ.

ފީލް އިންވެސްޓްމެންޓުން ބުނީ ޑަބްލިއުޓީއެމް ފެއާއަށްފަހު އެފްރިކާގެ ކޭޕްޓައުންގައި ރާއްޖެ އިސްތިހާރު ކުރަން ހާއްސަ ރޯޑް ޝޯއެއް ބާއްވާނެ ކަމަށެވެ.

މި ފެއާގެ އިތުރުން މިއަހަރު އިތުރު ތިން ފެއާއެއްގައި ބައިވެރިވާނެ ކަމަށްވެސް ފީލް އިންވެސްޓްމެންޓުން ބުނެއެވެ.

ފީލް އިންވެސްޓްމެންޓުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް "ފީލް މޯލްޑިވްސް"ގެ ނަމުގައި މޮބައިލް އެޕްލިކޭޝަނެއް ހިންގަމުންނެވެ. މި އެޕް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރިސޯޓެއް، ގެސްޓްހައުސްއެއް އަދި ސަފާރީއެއްވެސް ހާއްސަ ޑިސްކައުންޓް އަގެއްގައި ބުކް ކޮށްލެވޭނެ ކަމަށް ފީލް އިންވެސްޓްމެންޓުން ބުނެއެވެ. ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓަކާއި ގެސްޓްހައުސް އެއް އަދި ސަފާރީއެއް މި އެޕްލިކޭޝަނުގައި ވަނީ ލިސްޓުކޮށްފައެވެ.

ފީލް މޯލްޑިވްސް އެޕްލިކޭޝަން ސްޕޮންސާކޮށްފައިވަނީ އުރީދޫ އިންނެވެ. ފީލް އިންވެސްޓްމެންޓުން ބުނީ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި ރިސޯޓުތަކާއި ގެސްޓްހައުސްތައް ބުކް ކުރެވޭނެ ފުރުސަތު މި އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ރާއްޖޭގެ ސްވެނިއާ ޝޮޕްތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ފަހިކޮށްދޭނެ ކަމަށް ފީލް އިންވެސްޓްމެންޓުން ބުނެއެވެ.