29 Jan 2018, 14:23
މިއުޒިކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ފަންނާނުންގެ އަގުވަޒަންކުރާ، ގްރެމީ އެވޯޑްސްގެ ހަފްލާއަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އިންތިޒާރު ކުރަމުން އަންނަ ބޮޑު ހަފްލާ އެކެވެ.
އެވޯޑްސްގެ ހަފްލާއިން މިއަހަރު އަގުބޮޑު ހެދުންތަކުގެ އިތުރުން، ސިޔާސީ ހިޔާލު ފާޅުކުރުމާއި، ވޭތުވެދިޔަ އަހަރު ދުނިޔެ ދޫކޮށް ދިޔަ ފަންނާނުންގެ ހަނދާން އާކުރި މަންޒަރު ފެނިގެންދިޔައެވެ. އެ ހަފްލާ އަކީ މަޝްހޫރު ގިނަ ތަރިން ތަކެއްގެ އުންމީދާ ގުޅިފައިވާ އެވޯޑް ހަފްލާ އެކެވެ.
މިއަހަރު ގްރެމީ އެވޯޑް ހަފްލާ (60 ވަނަ ގްރެމީ އެވޯޑް ހަފްލާ)ގެ ރަސްމިއްޔާތު ނިމުނު އިރު އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫނޯ މާސްއަށް ލިބުނު ހަ އެވޯޑެވެ.
ބުރޫނޯ މާސް ވަނީ އެންމެ މޮޅު ރެކޯޑް، ލަވަ، އަލްބަމްގެ އެވޯޑް ހޯދާފައެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ އެންމެ މޮޅު އާރް އެންޑް ބީ ހުށައެޅުމުގެ އެވޯޑް، އެންމެ މޮޅު އާރް އެންޑް ބީ ލަވައިގެ އެވޯޑްގެ އިތުރުން އެންމެ މޮޅު އާރް އެންޑް ބީ އަލްބަމްގެ އެވޯޑްސް ވެސް ހޯދާފައެވެ.
އަހަރުގެ އެންމެ މޮޅު ލަަވައަކަށް ހޮވުނީވެސް ބްރޫނޯގެ ލަވައެއް ކަމަށްވާ "ދެޓްސް ވަޓް އައި ލައިކް" އެވެ. އަދި އެންމެ މޮޅު އަލްބަމް އަކަށް އޭނާގެ 24K މެޖިކް ވަނީ ހޮވިފައެވެ.
ބްރޫނޯ ބުނީ އޭނާއަށް ލިބުނު ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނަކީ އޭނާގެ އެންމެ ހިޓް ލަވަތަކުގެ ޅެންތައް ހެދުމަށް އެހީތެރިވި ފަރާތްތައް ކަމަށާއި އަދި އެ މީހުންނަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.
ބައެއް އެވޯޑްތައް:
- އެންމެ މޮޅު އައު އާޓިސްޓް: އެލެސިއާ ކާރާ
- އެންމެ މޮޅު ޕޮޕް ސޯލޯ ލަވަ: އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ"
- އެންމެ މޮޅު ޕޮޕް ގްރޫޕް ހުށަހެޅުން: ޕޯޗުގަލް. ދަ މޭން ގެ "ފީލް އިޓް ސްޓިލް"
- އެންމެ މޮޅު ރޮކް ހުށަހެޅުން: ލެނާޑް ކޯހެންގެ "ޔޫ ވޯންޓް އިޓް ޑާކާ"
- އެންމެ މޮޅު ރެޕް ހުށަހެޅުން: ކެންޑްރިކް ލަމާގެ "ހަމްބަލް"
ފޯރި ގަދަ ހުށައެޅުންތަކެއް ފެނިގެން ދިޔަ ހަފްލާ ވެގެން ދިޔައީ ވަރަށް ކުލަގަދަ ހަފްލާ އަކަށެވެ.