އަބޫ ދާބީ(ޖެނުއަރީ 29): ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަދަދު ލިބޭ ޖަމާއަތަކުން ޔަމަނުގެ ދެކުނުގައި އޮންނަ އަދަނުގައި ބަޣާވާތް ކުރަމުންދާ ކަމަށް ޔަމަނުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު އަހުމަދު ބިން ދަގުހަރު ވިދާޅުވި ގޮތުގައި، ދި ސަދަން ޓްރާންޒިޝަނަލް ކައުންސިލް (އެސްޓީސީ)ން ވަނީ އަދަނުގައި ހުންނަ ސަރުކާރުގެ ބައެއް އޮފީސްތައް ހިފައިފައެވެ.

"އެއީ ވަރަށް ނުރައްކާތެރި އަދި ޔަމަނުގެ ސަލާމަތާއި ހަމަޖެހުމާއި އެއްބައިވަންތަ ކަމަށް އަސަރު ކުރާނެ ކަމެއް... އެއީ ސަންއާގައި ހޫޘީން ހިންގި ޖަރީމާތަކާ އެއްފަދަ ކަމެއް،" ދަގުހަރު ވިދާޅުވި އެވެ.

ދެހާސްސާދަ ވަނަ އަހަރު ހޫޘީން ސަންއާއަށް ވެރިވުމާ ގުޅިގެން ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ ވަނީ ޔަމަނުގެ ވަގުތީ ވެރިރަށަކީ އަދަން ކަމަށް އިއުލާން ކުރައްވައިފައެވެ. އަދި އެސްޓީސީއަކީ މީގެ ކުރިން ހާދީއަށް ތާއިދު ކުރާ ފަރާތްތަކާ އެކު ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އައި ޖަމާއަތެކެވެ.

ނަމަވެސް ފަހަކަށް އައިސް އެސްޓީސީން ވަނީ ހާދީގެ ސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށް ބުނެފައެވެ. އަދި މިދިޔަ ހަފްތާގައި އެޖަމާއަތުން ވަނީ ބޮޑުވަޒީރު ދަގުހަރާއި އޭނާގެ ކެބިނެޓް މަގާމުން ދުރުނުކޮށްފި ނަމަ ހާދީގެ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެފައެވެ.

އޭގެ ސަބަބުން އިއްޔެ އަދަނުގައި އެސްޓީސީ އާއި ހާދީއަށް ތާއިދު ކުރާ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 10 މީހަކު މަރުވެ 30 މީހަކަށް އަނިޔާވެފައިވެ އެވެ.

އެސްޓީސީގެ ލީޑަރު އައިދަރުސް އަލް ޒުބައިދީ ވަނީ މީގެ ކުރިން އަދަނުން ހޫޘީން ފޮނުވާލުމުގައި ހާދީއަށް ތާއިދު ކުރާ ފަރާތްތަކާ އެކު މަސައްކަތްކޮށްފައެވެ. އަދި ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ ކޯލިޝަނުގައި ހިމެނޭ ޔޫއޭއީން ދަނީ ޒުބައިދީގެ ލީޑަރު ކަމުގެ ދަށުން ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަރަދުކޮށް، އެމީހުން ތަމްރީނު ކުރަމުންނެވެ.

ސައުދީ ކޯލިޝަނަށް އަދިވެސް ސަންއާ އިން ހޫޘީންގެ ބާރު ކަނޑުވާލެވިފައި ނުވާ އިރު، ޔަމަނު ހަނގުރާމައިގައި މިހާތަނަށް 10،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. (އަލްޖަޒީރާ)