29 Jan 2018, 10:52
މަކަރާ ހީލަތުން އޮޅުވާލައިގެން ވޭތުވެ ދިޔަ ދިހަ ދުވަސްތެރޭ ލައްކައަކަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމު ކުރި މައުލޫމާތު ތަކަށް ބަލާއިރު ވޭތުވެ ދިޔަ 10 ދުވަސްތެރޭ އޮޅުވާލައިގެން ރީލޯޑާއި ރާސްޓަސްއަށް އެކަނިވެސް 26،600 ރުފިޔާ ވަނީ ނަގައިފައެވެ. އަދި އެކައުންޓް ޓްރާންސްފާގެ ގޮތުގައި 90،625 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސާވިސްއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު މީސްމީހުންނަށް ފޯނުން ގުޅައި ފޯނުން ކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ އޮޅުވާލާފައިވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.
އަދި ތަފާތު އެކި ސުވާލުތައް ކުރިމަތި ކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް، ކޮންމެވެސް ނަމްބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
" އަދި އެއްވެސް މީހެއްގާތުގައި ނުބުނުމަށާއި ފޯންކޯލްގައި ހުރެގެން ފައިސާ ޖަމާކޮށްދިނުމަށް މިފަދަ ފޯންކޯލްތަކުގައި އެދެމުންދާކަންވެސް ތަޙުޤީޤަށް ފާހަގަކުރެވިފައިވެ." ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ ފޯނުން ގުޅައިގެން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާކަންވެސް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތަކަށް ދިވެހިން ސަމާލުވާން ޖެހޭ ކަމަށެވެ.
" އެއްވެސް ކުންފުންޏެއްގެ ނަމުގައި ޕްރޮމޯޝަނެއް ހިންގާކަމަށް ބުނެ ފޯނުކޯލެއް އަތުވެއްޖެނަމަ އެންމެ ކުޑަމިނުން އެ ފޯންކޯލު އައި ނަންބަރުގެ ސައްހަކަން ދެނެގަތުމަކީވެސް ކުރެވިދާނެ ކަމެއް،" ފުލުހުން ބުންޏެވެ.
އަދި ޕްރޮމޯޝަން ތަކުގައި ރީލޯޑް އަދި ރާސްޓަސް ނުވަތަ ބޭންކް ކާޑާ ބެހޭ އަމިއްލަ މައުލޫމާތުތައް ހިއްސާކުރުމަށް ނޭދޭނެކަން ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށް ފުލުހުން ބުންޏެވެ.
" މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްތަކެއް ކުރިނަމަވެސް، މިފަދަ މައްސަލަތައް ހުއްޓުވޭނީ އާއްމު ރައްޔިތުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން،" ފުލުހުން ބުންޏެވެ.